އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

"2026 ވަނަ މާލީ އަހަރަށް ހުށަހަޅާ ބަޖެޓަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ.) މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ،" މަޖިލީހަށް ބަޖެޓް ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ބަޖެޓަށް އައި އިތުރުވުމެއް ކަަމަށެވެ.

މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާ ނުލައި މި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 8.7 ބިލިއަން ރުފިޔާއެވެ.

ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާވެ.

މިއީ މި އަހަރު ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާ ކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓް އިތުރު އަދަދެކެވެ.

"މީގެ އިތުރުން، މި އަހަރު ހުޅުވި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ އަހަރު މުޅީން އޮޕަރޭޝަނަލައިޒް ވެ، ރީޖަނަލް އެއާޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ބެލެވޭ. މީގެ ސަބަބުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއާޕޯޓު ޓެކުހާއި ފީ ކުރިއަރާނެކަމަށް އަންދާޒާ ކުރެވޭ. މިގޮތުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީން އިތުރުވުމާއެކު އެއާޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ މަތީ ރޭޓުގެ ފުރިހަމަ އަސަރު އަންނަ އަހަރުގެ ތެރޭގައި ފެނި، އެއާޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރެވޭ،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.