މިއަންނަ އަހަރުގެ ބަޖެޓުގެ 62 ޕަސަންޓު ރިކަރަންޓް ހަރަދުތަކަށް ހާއްސަ ކުރަން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދުވަނީ ހުށަހަޅައިފައެވެ.
މަޖިލީހަށް ބަޖެޓު ހުށަހަޅުވައިދެއްވީ މިނިސްޓަރު ޒަމީރެވެ.
ބަޖެޓު ހުށަހަޅުވައިދެއްވަމުން ޒަމީރު ވިދާޅުވީ ޕޭ ހާމަނައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން މިއަންނަ އަހަރު ސަރުކާރުގެ މުވައްޒަފުން މުސާރަ ބޮޑުކުރުން ބަޖެޓުގައި ހިމަނައިގެން ކުރާނެ ކަމަށެވެ.
"އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށް. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ މިއަންނަ އަހަރުގެ ބަޖެޓު އަމާޒުކޮށްފައިވަނީ ރައްޔިތުންގެ ދިރިއުޅުމަށް ފައިދާކުރާނެ ދާއިރާތަކަށް ކަމަށެވެ. އެގޮތުން ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަން އަދި ވަޒީފާތައް އުފެއްދުން ހިމެނޭކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި، އަންނާން އޮތް އަހަރުތަކަކަށް ގައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިގްތިސޯދީ ދާއިރާތަކަށްވެސް މިއަންނަ އަހަރުގެ ބަޖެޓުން އިންވެސްޓު ކުރާނެކަމަށް ޒަމީރު ވިދާޅުވިއެވެ.
ބަޖެޓު ފަރުމާކޮށްފައިވަނީ ދިވެހީންގެ އެތައް ޖީލުތަކެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ ހަރުދަނާކަން އިތުރުކޮށް، ދިވެހިންނަށް ހަގީގީ މާނައިގައި ތަރައްގީ ގެނެސްދެވޭނެ ގޮތަކަށް ވިސްނައިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ދައުލަތުގެ ބަޖެޓު 2026
ދައުލަތުގެ ބަޖެޓު 2026
ދައުލަތުގެ ބަޖެޓު 2026