އަންނަ 2026 އަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓްގެ އިސް އަމާޒަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން އިއްވެވި ބަޖެޓް ބަޔާނުގައެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބަޖެޓުން ޖާގަ ހޯދާފައިވާ ކަމަށާއި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓިނިވިކަން އިޔާދަވާނެ ގޮތުގެ މަތިން މެކްރޮ-ފިސްކަލް ސްޓެބިލިޓީ ބަޖެޓުން ކަށަވަރުކޮށްފައިވާ ކަމަށެވެ.

"މި ބަޖެޓްގެ ފިސްކަލް އަމާޒުތަކަކީ 2028 ވަނަ އަހަރުގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ދަށްކުރުން. ދައުލަތުގެ ސީދާ ދަރަނި 117 ޕަސެންޓްއަށް ކުޑަކުރުން. ޕީއެސްއައިޕީ ހަރަދު ހަތް ޕަސެންޓަށް ވުރެ މަތިނުވާނެހެން ކަނޑައެޅުން،"

އެއާއެކު، ހިލޭ އެހީ ނުހިމަނައި ދައުލަތުގެ އާމްދަނީގެ ނިސްބަތުން އިންޓްރެސްޓް ހަރަދު 12 ޕަސެންޓަށްވުރެ މަތިނުވާނެހެން ހިފެހެއްޓުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބަޖެޓްގެ އަމާޒުތަކުގެ ތެރޭގައި 2028 ގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ގެރެންޓީ ދީފައިވާ ދަރަނި 10 ޕަސެންޓްއަށް ކުޑަކުރުން ހިމެނޭ ކަމަށެވެ. އަދި ބަޖެޓުގެ އޮޕަރޭޝަނަލް އަމާޒުތަކަކީ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 ޕަސެންޓަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުން ކަމަށާއި، ދައުލަތުގެ ރިކަރަންޓް ހަރަދުތައް، ލިބޭ އާމްދަނީން ހަމަޖައްސައި، ދައުލަތުގެ ސީދާ ދަރަނި މެދުރާސްތާގައި، ދަށަށްދާނެ މިސްރާބަކަށް ގެނައުން ކަމަށްވެސް ވިދާޅުވިއެވެ.

"ޕީއެސްއައިޕީގެ ހަރަދުގެ ޖުމުލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓަށްވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފެހެއްޓުން. ބޭރުގެ ފަރާތްތަކުން ނަގާ އިންޓްރެސްޓް ހަރަދު، އާމްދަނީގެ ނިސްބަތުން ފަސް ޕަސެންޓްގައި ހިފެހެއްޓުން. ދައުލަތުގެ ދަރަންޏާބެހޭ ގާނޫނުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުން ގެރެންޓީ ދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.