ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ޒުވާނުން ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން އާއި މަހްޒޫމް މާޖިދުގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް އަންނަ މަހުގެ ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޝިމަންގެ މައްޗަށް އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

އެ ކުށް ޝިމަންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ބައިވެރިވުމަށް އަންނަ މަހުގެ 24، ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރަށް ޝިމަންއަށް ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފަ އެވެ.

މަހުޒޫމްގެ މައްޗަށް ދައުލަތުން އުފުލީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށް މަހުޒޫމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.