ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައިން އުމައިރުގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު މެޑަމް ސާޖިދާއަށް ލިބިގެންވާކަމަށް މަރިޔަމް ޒުބެއިރުގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމް ކުރުމުން، އެ ހުކުމް ބާތިލުކޮށްދިނުމަށް މަރިޔަމް ޒުބެއިރުގެ ފަރާތުން ހުށަހެޅި މައްސަލައަށް ވަކީލު ހާޒިރު ނުވުމުން މައްސަލަ ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް މަރިޔަމް ޒުބައިރު އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. އެ ކަމާ ގުޅިގެން މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ސާޖިދާ ވަނީ މަދަނީ ދައުވާކުރައްވައިފައެވެ.

އެ މައްސަލައިގައި ސާޖިދާ ކުރައްވާ ދައުވާތަކަށް ޖަވާބު ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ ރައްދުވާ ފަރާތްތަކުން ޖަވާބު ހުށަހަޅާފައެއް ނުވެއެވެ. އެފަރާތްތަކުން ޖަވާބު ފޮނުވީ، ޖަވާބު ހުށަހަޅަން ދިން މުއްދަތު ހަމަވި ފަހުންނެވެ. އެހެންކަމުން ސާޖިދާ އެދިވަޑައިގަތީ ގައިރު ހާޒިރުގައި މައްސަލައިގެ ހުކުމްކޮށްދިނުމަށެވެ.

އެކަމާ ގުޅިގެން މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރަށް އުނިކަން އަންނަ ކަމަށް ސާބިތުވާ ކަމަށް ސިވިލް ކޯޓުން މިއަހަރުގެ ޖުލައިމަހުގެ 20 ވަނަ ދުވަހު ހުކުމް ކުރީ، މައްސަލަ ރައްދުވާ ފަރާތްތަކުގެ ގައިރު ހާޒިރުގައެވެ.

މި މައްސަލައިގައި ތިން ކަމަކަށް ކޯޓުގައި ސާޖިދާ އެދިވަޑައިގެންނެވިއެވެ. އެއްކަމަކީ ގާނޫނުއަސާސީންނާއި ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ސާޖިދާގެ ދަރިކަލަށް ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުމެވެ. ދެވަނަ ކަމަކީ ދަރިކަލުންނަށް ލިބިފައިވާ އަދި ލިބޭނެ ކަމަަށް ގަބޫލުކުރެވޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމެވެ. ތިންވަނަ ކަމަކީ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށާއި އޭގެ ސަބަބުން ނުކުމެވެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ދައުވާ ލިބޭ ފަރާތްތަކަށް ކޯޓުން އެންގުމެވެ.

މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމުގައިވަނީ، މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން ދަރިކަލުން އުމައިރުގެ އަބުރު ރައްކާތެރިވެގެން ވުމުގެ ހައްގު ނިގުޅައިގަނެވިގެންދާކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން މަރިޔަމް ޒުބައިރުގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާ ކުރެއްވޭނެ ކަމަށްވެސް ހުކުމްގައިވެއެވެ.

ނަމަވެސް މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީންނާއި ފައްޔާޒު ޒިންމާވާން ޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ބަލައިގެން ކަމަށާއި އެ މައްސަލައިގައި މާފަށް އެދެން އެންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫންކަމުން، އާންމުކޮށް މާފަށް އެދެން އަމުރު ކުރެވޭކަށް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ބާތިލުކޮށްދިނުމަށް މަރިޔަމް ޒުބެއިރުގެ ފަރާތުން ހުށަހަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހުގައެވެ. މަރިޔަމް ޒުބޭރުގެ ފަރާތުން މި މައްސަލައިގައި އޭނާ ތަމްސީލު ކުރުމަށާއި ލިޔެކިޔުންތައް ރައްދުކުރަން ތިން ވަކީލަކު އައްޔަންކޮށްފައިއެވެ.

އެ މައްސަލައިގެ ހުކުމުގައި މައްސަލަ ބެއްލެވި ގާޒީ އާދަމް ޒަލީފު ވިދާޅުވީ މައްސަލައިގެ އަޑުއެހުމަކަށް ހާޒިރުވުމަށް އަންގައި ކޯޓުން ވަނީ މިމަހުގެ 22 ވަނަ ދުވަހު ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ލޯ ފާމުގެ އީމެއިލް އެޑްރެހަށް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާނެ ކަމަށެވެ. އެއީ އިއްޔެ ބާއްވަން ނިންމި އަޑުއެހުމަކަށް ހާޒިރުވުމަށް އަންގައި ފޮނުވި އަމުރެެކެވެ. އެ އަޑުއެހުމަށް ވަކީލުން ހާޒިރު ނުވާތީ 11:43 ގައި ކޯޓުން ގުޅުމުން ފުރަތަމަ ފޯނަށް ޖަވާބު ދީފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އޭގެ ފަހުން ފޯނަށް ޖަވާބު ދީ ޓްރައިބިއުނަލްގެ އަޑުހަމަކުން ނުކުތީ ކަމަށާއި ސިވިލް ކޯޓަށް މިދަނީކަމަށް ވަކީލު ވިދާޅުވި ކަމަށެވެ. ވަކީލު ކޯޓަށް ހާޒިރުވަނީކަމަށް ކޯޓަށް މައުލޫމާތު ދީފައިވާތީ ވަކީލު ހާޒިރުވުމުން އަޑުއެހުން ފަށަން ސިވިލް ކޯޓުން ނިންމި ނަމަވެސް، 11:49 އެހާކަންހާއިރު ވަކީލު ކޯޓަށް ގުޅައި، ލޯފާމުގެ ހުރިހާ ވަކީލުން މިވަގުތު ތިބީ ޝަރީއަތްތަކުގައި ކަމަށާއި ބާކީ ހުރީ އެންމެ ވަކީލެއް ކަމަށާއި އެ ވަކީލުވެސް އުޅެނީ ބަލިކޮށްކަން އެންގިކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ އަޑުއެހުމަށް ހާޒިރުވުމަށް އުޒުރުވެރިވާކަމަށް ވަކީލު ވިދާޅުވި ކަމަށާއި އަދި އެކަމާ ގުޅޭ ލިޔުންތައް ހުށަހަޅާނެކަމަށް ވަކީލު ވިދާޅުވިކަމަށް ގާޒީ ވިދާޅުވިއެވެ.

ނަމަވެސް ކޯޓަށް ހާޒިރު ނުވެވޭނެ ފަދަ މަގުބޫލެއް އުޒުރެއް ބަޔާންކޮށް ވަކީލު ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ "ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ 20 ވަނަ މާއްދާއަށް ރިއާޔަތްކޮށް މައްސަލަ ބާތިލުކުރެވިދާނެކަން އެނގެން އޮންނާތީ މައްސަލަ ކުރިއަށް ގެންދަން ނުފެންނަކަމަށް ގާޒީ ރައުޔު ކަނޑައެޅުއްވިއެވެ.

އެ ހުރިހާ ކަމެއް ފާހަގަކުރެއްވުމަށްފަހު މި މައްސަލައިގައި ކުރެއްވި ހުކުމުގައި ގާޒީ ވިދާޅުވީ މަރިޔަމް ޒުބެއިރު ހުށަހެޅި މި މައްސަަލައިގައި، ދައުވާކުރާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު ވެ، އަމުރުގައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ހާޒިރުވެފައިނުވާތީ މި މައްސަލަ ބާތިލުކޮށް ގަޒިއްޔާ ނިންމާ ކަމަށެވެ.