އަންނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ހަމަޖައްސައިފިއެެވެ.

އާއްމުކޮށް ބުރާސްފަތި ދުވަހަކީ މަޖިލިސް ޖަލްސާ ބާއްވާ ދުވަހެއް ނޫނެވެ.

ނަަމަވެސް މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައި އަންނަ އަހަރުގެ ބަޖެޓު ހުށަހަޅަން ވަނީ ތާވަލުކޮށްފައެވެ.

މާދަމާ އެ ޖަލްސާ ބާއްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން އިއުލާނުކުރައްވައިފައެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހުން މިދިޔަ އަހަރު ފާސްކޮށްފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ކުރީ އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމުލަ އަދަދު ވަނީ އިތުރުވެފައެވެ.

މެންދުރު 2:00 ގައި ބާއްވާ މާދަމާގެ ޖަލްސާއަށް ބަޖެޓު ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު މުސާ ޒަމީރެވެ.

އަންނަ އަހަރަށް މަޖިލީހަށް ހުށަހަޅާ ބަޖެޓު ވެގެންދާނީ ބާކީ ހުރި ވައުދުތައް ފުއްދިގެންދާނެ ބަޖެޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.