ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސިޔާސީ ނުވާ ކަމަށާއި ބޭންކުން މަސައްކަތް ކުރަނީ އާންމު ފަރުދުންގެ ކުރިއެރުމަށްކަމަށް އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި"ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ޝަރީފު ވިދާޅުވީ ބީއެމްއެލަށް މިހާރު އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވަނީ އެ ބޭންކު ސިޔާސީ ވެފައިވާ ކަމަށް ބުނެ ކަމަށެވެ. ދެވަނައަށް އެންމެ ގިނަ ފާޑު ކިޔުމެއް އަމާޒުވަނީ ބީއެމްއެލްގެ ފަރާތުން ފަހަކަށްއައިސް ގެދޮރުވެރިކަމާ ގުޅޭ ލޯނަށް ގެންނަ މުހިންމު ބަދަލުތަކުގެ ސަބަބުން ކަމަށް ޝަރީފު ވިދާޅުވިއެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޝަރީފު ވިދާޅުވީ "ގައުމީ ބޭންކުގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މެންޑޭޓަކީ ދިވެހި ރައްޔިތުންގެ އިގްތިސޯދީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ބޭންކިން އުސޫލުތަކުގެ ދަށުން އެހީތެރިވުން. ދިވެހިރާއްޖޭގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުވަތަ ގެދޮރުވެރިކަމެއް ލިބުމަށްވުރެ ވަކީން ބޮޑު އިޖުތިމާއީ އެހެން ބޭނުމެއް ނެތް. ސަރުކާރުން ގެދޮރުވެރިކަން ފަދަ ގައުމީ މަސްލަހަތު އޮތް އިސްކަމަކާ ގުޅޭ ބަދަލުތައް ހާމަކުރާއިރު، އެއީ ރައްޔިތުންގެ ފަރާތުން އަންނަ ބޭނުމެއްކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރައްވާނެ" ކަމަށެވެ.
ޝަރީފު ވިދާޅުވީ ބޭންކުގެ ދައުރަކީ އެ ބޭނުމަށް އަމާޒުކޮށް، ވިޔަފާރީގެ ގޮތުން ދެމެހެއްޓެނިވި އަދި ޒިންމާދާރު ޕްރޮޑަކްޓްތައް ފަރުމާކުރާ މާލީ އިންޖީނެއްގެ ގޮތުގައި ހަރަކާތްތެރިވުން ކަމަށެވެ.
އެހެންކަމުން، މިއަހަރުތޭރޭ ގެނައި ހެޔޮ ބަދަލުތަކަކީ ސަރުކާރުގެ ސިޔާސަތުން ފާހަގަކޮށްފައިވާ، މާކެޓްގެ ބޭނުންތަކަށާއި މުޖުތަމައުގެ މިހާރު މިއޮތް ހާލަތަށް ސީދާ އަމާޒުކޮށްގެން އެކަމަށް ގައުމީ ބޭންކުގެ ހައިސިއްޔަތުން ދޭ އިޖާބައެއްކަމަށް ޝަރީފު ވިދާޅުވިއެވެ.
"ބޭންކު ސީޔާސީ ވެއްޖެކަމަށް މަދުބަޔަކު ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުން. ރަނގަޅު ސިޔާސަތެއްގެ ދަށުން ހިންގޭ ތަރައްގީގެ ޕްރޮޖެކްޓްތަކަށާއި އާންމު ފަރުދުންގެ ކުރިއެރުމަށް، ހަރުދަނާ ބޭންކިން އުސޫލުތަކުގެ ދަށުން ބޭންކުން ކަންތައްތައް ކުރުމަކީ އެއީ ސިޔާސީވުން ކަމަށް އަޅުގަނޑު ނުދެކެން. ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށާއި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންކުރެވޭ ޑޮލަރު ލިމިޓް އިތުރުކުރުން، ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ލިމިޓް އިތުރުކުރުން، ގެދޮރު ގަތުމަށާއި އިމާރާތް ކުރުންފަދަ އާންމު ފަރުދުންގެ ބޭނުންތަކަށް ފައިނޭންސް ދޫކުރުމުގައި ލުއި ގޮތްތައް ހަމަޖައްސައިދިނުން، މުޅިރާއްޖޭގެ ހުރިހާރަށަކަށް ބޭންކިން ހިދުމަތް ފުޅާކުރުން، މިކަންތައްތަކަކީ އަޅުގަނޑު ދެކޭގޮތުގައި ސިޔާސީ ވުމެއް ނޫން" ޝަރީފު ވިދާޅުވިއެވެ.
ގެދޮރުވެރިވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އަމިއްލައަށް ހަރަދުކުރަން ޖެހޭ މިންވަރު ނުވަތަ އިކުއިޓީ ބޮޑުވުން ކަމަށް ޝަރީފު ވިދާޅުވިއެވެ.
"ގެއެއް ގަތުމަށް ބޭނުންވާ އިކުއިޓީ 20 ޕަސަންޓުން، ފަސް ޕަސަންޓަށް ދަށްކުރުމުން، މިސާލަކަށް ތިން މިލިއަން ރުފިޔާގެ ގެއެއް ގަތުމަށް، ހަމަކުރަން ޖެހޭ އިކުއިޓީ 600,000 ރުފިޔާ އިން 150,000 ރުފިޔާއަށް ކުޑަވީ. މިއީ ވަރަށް ބޮޑު ލުޔެއް. މިއީ ޒުވާނުންނަށާއި، މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ގެދޮރުވެރިވުމުގެ ހުވަފެން ދުރު މުސްތަގުބަލަކުން ކައިރި މުސްތަގުބަލަކަށް ބަދަލުކޮށްދޭނެ މުހިންމު ނިންމުމެއް" ޝަރީފު ވިދާޅުވިއެވެ.
ދެން ބޭންކުން ގެނައި އަނެއް ބަދަލަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގެދޮރު ހެދުމަށް އިތުރު ރަހުނެއް ބޭނުން ނުވާ ގޮތަށް ހަމަޖައްސުންކަމަށް ޝަރީފު ވިދާޅުވިއެވެ. ބޭންކުން ދެކޭ ގޮތުގައި އަމިއްލަ ގެދޮރު އިމާރާތްކުރުމަށް ދެވަނަ ނުވަތަ ތިންވަނަ ރަހުނެއް ބޭނުންވާ ކުރީގެ ސިޔާސަތަކީ ރަށްރަށުގެ މުޖުތަމައުތަކުގެ ކުރިއެރުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ޝަރީފު ވިދާޅުވިއެވެ.
އެއީ ރަނގަޅު އާމްދަނީއެއް ލިބުނަސް ގިނަ ބަޔަކު ލޯނަށް ޝަރުތު ހަމަނުވެދާ މައިގަނޑު އެއް ސަބަބުކަމަށް ޝަރީފު ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއްކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކުގެ ކުރިއެރުންވަނީ ގައުމުގެ ކުރިއެރުމާ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި އެހެންކަމުން ސަރުކާރުން ހިޔާވެހި ފައިނޭންސިން ސްކީމް ތައާރަފުކުރުމާއެކު، އެއީ ގައުމީ ބޭންކުން އެހީތެރިވާން ޖެހޭ ކަމެއްކަމަށް ނިންމީކަމަށް ޝަރީފު ވިދާޅުވިއެވެ.
ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ ފަސް ޕަސަންޓުގެ ރޭޓުގައި އިސްލާމިކް ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް ސިޔާސީވެގެން މުޅިރާއްޖެއަށާއި ރައްޔިތުންގެ މާލީފުދުންތެރިކަން އޮތީމެކުހައްޖަައިފަ ރައްޔިތުންގެ ލާބައަށް މިއީވަރަށްސަޅިފޮމިއުލއެއް ހެސްކިޔައިފަ ކުރިއަަށްދާންވި،
ދަންޑަޙެލު. - 8 މަސް ކުރިން