އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ބަނދަރުގެ މަސައްކަތް އަންނަ މަހު ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން، ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ލިޔުމުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިިނިސްޓަރު ވިދާޅުވީ، ބަނދަރު ހެދުމަށްޓަކައި ކޮންސެޕްޓް ޕްލޭނެއް އެކުލަވައިލުމަށް ކައުންސިލާއެކު މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ކޮންސެޕްޓް ޕްލޭން އެކުލަވައިލައި، ނިމުމުން ނޮވެމްބަރު މަހު، މި މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަމުގެ އަމަލީ މަސައްކަތް ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑުފޮޅުދޫ ބަނދަރުގެ މަސައްކަތް ނިމޭނެ ކަމަށެވެ.