ރައްޔިތުންނަށް މައުލޫމާތު ފެތުރުމުގައި ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކަށް ބޯލަނބައި، ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ.

ނައިބު ރައީސް އެފަދައިން އިލްތިމާސްކުރައްވާފައިމިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް "އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ތަހުގީގެއް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

ނައިބު ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމުކޮށް، ކޮންމެ ހަބަރެއްވެސް އާންމުންނާ ހަމައަށް ގެނައުމުގެ ކުރިން އޭގެ ސައްހަކަން ކަށަވަރު ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމުގެ މުހިންމު ބައެއް ކަމަށެވެ.

އަދި ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ މުޖުތަމައުގެ ހަމަޖެހުން ގެއްލިގެންދާނެ ކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ފުލުހުން ވަނީ ރޭގެ ވަގުތެއްގައި "އަދަދު" ނޫހުގެ އޮފީސް ފާސްކޮށް، ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، އެ ނޫހުގެ އިސްވެރިން ކަމަށްވާ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ރާއްޖެއިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމަށް ބަލައި، އެ ދެ މީހުންގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

މި ޑޮކިއުމެންޓްރީގައި ކުރެވިފައިވާ ހުރިހާ ތުހުމަތުތަކެއް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވާފައެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ އެ ޑޮކިއުމެންޓްރީގެ ފަހަތުގައި ތިބި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ މީހުންގެ އަބުރާ ބެހުމަށް ދެވިފައިވާ ހުއްދައެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ގަޒްފުކުރާ މައްސަލަތަކުގައި މީޑިއާ އޮފީސްތައް ފާސްކުރުމުގެ ގާނޫނީ ބާރު ފުލުހުންނަށް އޮންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް، މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ސަރުކާރަށް ގޮވާލަމުންދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށެވެ.