ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ހާލަތު ރަނގަޅުވީ ސަރުކާރުން ގެނައި ހަރުދަނާ ބަދަލުތަކުގެ ސަބަބުންކަމަށް ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި"ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ޝަރީފު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރު ލިބުމުގައި ހުރި ދަތިކަން ކަމަށެވެ. ޝަރީފު ވިދާޅުވީ ބީއެމްއެލްއަކީ ރާއްޖޭގައި ކްރޮސްބޯޑާ ޕޭމެންޓްގެ ހިދުމަތް އެންމެ ފުޅާކޮށް ހުރިހާ ދިވެހިންނަށް ފޯރުކޮށްދޭ ބޭންކް ކަމަށެވެ. އެހެންވެ ޑޮލަރު ލިބުމުގައި އަދި ހޯދުމުގައި ދިމާވާ ދަތިތަކާ އެ ބޭންކު ކުރިމަތިލާން ޖެހޭ ކަމަށެވެ.

ބީއެމްއެލްގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އޭރުގެ ސީއީއޯ ފާހަގަކޮށްފައިވަނީ، 2019 އާއި 2023 އާ ދެމެދު، ބޭންކުން ވަނީ ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކާފައިކަމަށް ޝަރީފު ވިދާޅުވިއެވެ.

"އެ ޕްރެޝަރު އެންމެ ބޮޑުވީ 2020 ގެ ފަހުކޮޅު، ބޭންކުގެ ޑޮލަރު އެކްސްޗޭންޖް ޕޮޒިޝަން، ގަވާއިދުން ހުންނަންޖެހޭ ވަރަށްވުރެ މާދަށަށް ގޮސް، ޖެހިގެން އައި ހަތަރު އަހަރު ތެރޭގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބި، 2024 ވަނަ އަހަރު އޮކްޓޯބަރު މަހު، އަޅުގަނޑު ބޭންކުގެ ހިންގުމާއި ހަވާލުވިއިރު ހުރީ މައިނަސް 20 ޕަސެންޓަށް ދަށްވެފަ. މިހާލަތަކީ ހުރިހާ ގޮތަކުން ޑޮލަރު ވިއްކުން ހުއްޓާލަން ޖެހިދާނެ މިންވަރެއް" ޝަރީފު ވިދާޅުވިއެވެ.

"ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށާއި ވިޔަފާރިވެރިންގެ ޓީޓީ ތަކަށާއި އެލްސީ ތަކަށް ބޭނުންވާ ޑޮލަރަށް ބަލާއިރު މިއީ ދެމިއޮވެވޭނެ ހާލަތެއް ނޫން" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އެ ހާލަތުން އަރައިގަތުމުން މަޖޫބުރުވެފައިވާ ކަމަށެވެ. އެހެންވެ ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއްދީގެން މިކަމަށް ހައްލުތަކެއް ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. ފިނޭންސް މިނިސްޓްރީން ވަނީ އެ މައްސަލައަށް އިސްކަމެއް ދީގެން އެ ދަތިކަމުން އަރައިގަތުމަށް ބީއެމްއެލްއަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ޝަރީފު ވިދާޅުވިއެވެ.

އެއީ ގައުމީ ފެންވަރުގައި އެކުގައި ކުރާ މަސައްކަތްތަކުގެ މުހިންމުކަންކަމަށާއި، ބޭންކު ހިންގުމުގެ ވިސްނުންތެރި ސިޔާސަތުތަކާއި، ބޭރު ފައިސާގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މެކްރޯ އިކޮނޮމިކް ހަމަޖެހުން ހޯދައިދެވޭނެކަން ދައްކުވައިދޭ ހަރުދަނާ މިސާލެއް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

"ބޭންކު މިވަނީ އެކި ބޭނުންތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދެވޭ ހާލަތެއްގައި. އެހެންކަމުން އާއްމު ރައްޔިތުން ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުން ކުރެވޭ އަދަދު އަނެއްކާވެސް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ބޭންކަށް ކުރިން ދިމާވެފައިވާ ފޮރިން އެކްސްޗޭންޖް ޝޯޓް ޕޮޒިޝަން ހަރުދަނާ ސިޔާސަތެއްގެ ދަށުން ރަނގަޅުކުރުމަށް ސަރުކާރުން އެހީތެރިވެ ދެއްވުމަށްފަހުކަން އަޅުގަނޑު ފާހަގަކުރަން. މިފުރުސަތުގައި އެމަނިކުފާނަށް ވަރަށް ޚާއްސަކޮށް ޝުކުރު ދަންނަވަން" ޝަރީފު ވިދާޅުވިއެވެ.

ސަރުކާރުގެ ޓްރެޝަރީ ބިލްގައި ބޭންކުން ކޮށްފައިވާ އިންވެސްޓްމެންޓާ ބެހޭގޮތުންވެސް ޝަރީފުވަނީ ވާހަކަދައްކަވައިފައެވެ.

ޝަރީފު ވިދާޅުވީ ބައިނަލްއަގުވާމީ ރިސްކް މިންގަނޑުތަކާ އެއްގޮތަށް، ބޭންކުން ލޯނާއި ފައިނޭންސިން އަދި ސަރުކާރުގެ ޓްރެޝަރީ ބިލްއާއި އަދި އެހެނިހެން އިންވެސްޓްމެންޓްތައް، އަދި ރިލޭޓެޑް ޕާޓީ އެކްސްޕޯޝާއާއި ސިންގަލް ޕާޓީ އެކްސްޕޯޝާ އަދި ލިކުއިޑިޓީ ރޭޝިއޯ ފަދަ މުހިންމު މިންގަނޑުތައް ބޭންކުގެ ރިސްކް އެޕެޓައިޓްގައި ހިމަނައި ހަރުދަނާ މިންވަރެއްގައި ތްރެޝްހޯލްޑް ތަކާއިއެކު ބޭންކުގެ ބޯޑުން ކަނޑައަޅާ ބޭންކުގެ ރިސްކް މެނޭޖްމެންޓް ޕޮލިސީ އެކުލަވައިލައިފައިވާނެ ކަމަށެވެ،

ބޭންކުން އެ މިންގަނޑުތަކާ ހިލާފުނުވާކަމަށް ޝަރީފު ވިދާޅުވިއެވެ.