ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމާ 2024 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވިއިރު ބޭންކުގެ ހާލަތު އޮތީ ޑޮލަރު ވިއްކުން ހުއްޓާލަން ޖެހޭ ހިސާބުގައި ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި"ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ޝަރީފު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރު ލިބުމުގައި ހުރި ދަތިކަން ކަމަށެވެ. ޝަރީފު ވިދާޅުވީ ބީއެމްއެލްއަކީ ރާއްޖޭގައި ކްރޮސްބޯޑާ ޕޭމެންޓްގެ ހިދުމަތް އެންމެ ފުޅާކޮށް ހުރިހާ ދިވެހީންނަށް ފޯރުކޮށްދޭ ބޭންކު ކަމަށެވެ. އެހެންވެ ޑޮލަރު ލިބުމުގައި އަދި ހޯދުމުގައި ދިމާވާ ދަތިތަކާ އެ ބޭންކު ކުރިމަތިލާން ޖެހޭ ކަމަށެވެ.
ބީއެމްއެލްގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އެއިރުގެ ސީއީއޯ ފާހަގަކޮށްފައިވަނީ، 2019 އާއި 2023 އާ ދެމެދު، ބޭންކުން ވަނީ ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކާފައިކަމަށް ޝަރީފު ވިދާޅުވިއެވެ.
"އެ ޕްރެޝަރު އެންމެ ބޮޑުވީ 2020 ގެ ފަހުކޮޅު، ބޭންކުގެ ޑޮލަރު އެކްސްޗޭންޖް ޕޮޒިޝަން، ގަވާއިދުން ހުންނަން ޖެހޭ ވަރަށްވުރެ މާދަށަށް ގޮސް، ޖެހިގެން އައި ހަތަރު އަހަރު ތެރޭގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބި، 2024 ވަނަ އަހަރު އޮކްޓޯބަރު މަހު، އަޅުގަނޑު ބޭންކުގެ ހިންގުމާ ހަވާލުވިއިރު ހުރީ މައިނަސް 20 ޕަސެންޓަށް ދަށްވެފަ. މިހާލަތަކީ ހުރިހާ ގޮތަކުން ޑޮލަރު ވިއްކުން ހުއްޓާލަން ޖެހިދާނެ މިންވަރެއް" ޝަރީފު ވިދާޅުވިއެވެ.
"ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށާއި ވިޔަފާރިވެރީންގެ ޓީޓީތަކަށާއި އެލްސީ ތަކަށް ބޭނުންވާ ޑޮލަރަށް ބަލާއިރު މިއީ ދެމިއޮވެވޭނެ ހާލަތެއް ނޫން" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އެ ހާލަތުން އަރައިގަތުމުން މަޖޫބުރުވެފައިވާ ކަމަށެވެ. އެހެންވެ ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއްދީގެން މިކަމަށް ހައްލުތަކެއް ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އެ މައްސަލައަށް އިސްކަމެއް ދީގެން އެ ދަތިކަމުން އަރައިގަތުމަށް ބީއެމްއެލް އަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ޝަރީފު ވިދާޅުވިއެވެ.
އެއާއެކު ބީއެމްއެލުން މިހާރުވަނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ އޮތް ހާލަތުން އަރައިގަނެ، އެންއޯޕީ މައިނަހުން ޕޮޒިޓިވް ރޭންޖަށް ގެނެސްފައިކަމަށް ޝަރީފު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް