ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހަތަރު ބޭފުޅަކު ތިއްބައެވެ.

އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން މަގާމުން ވަކިކޮށްފައިވަނީ މަހުމޫދު ރިޔާޒު އަދި އަބްދުﷲ ވަހީދެވެ.

ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާއި ގުޅޭގޮތުން ކަސްޓަމަސްއުން އަމަލުކުރަމުން ގެންދާ އުސޫލުތަކާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ގާނޫނާއި ގަވާއިދާ އެއްގޮތަށް އެ ތިން މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގާފައިވާނެ ކަމަށެވެ.

ރައްޔިތުންގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ކަސްޓަމްސްގެ ތެރޭގައި އޮތް އިހުމާލުތަކާއި ހިންގަމުންދާ ކޮރަޕްޝަންތަކުގެ ސަބަބުން ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދަށްވަމުންދާ ކަމަށެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައ ތެލުގެ ވިޔަފާރިކުރަމުންދާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން އެތެރެކުރި މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ހޯކްސް އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުންޏަކީ ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށާއި ދުންފަތުގެ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ނުކުރާ ކަމަށެވެ. ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅުނު އެ ކުންފުނީގެ މުވައްޒަފުން މަސައްކަތުން އެކަހެރި ކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.