މިއަދު ފެށި ކ. ދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫއާއެކު ރަށުގެ ބިން ދެގުނައަށް ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ކ. އަތޮޅު އަދި ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ދިއްފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ދިއްފުށީގެ އާބާދީ އިތުރުވަމުން އަންނަ ކަމަށާއި ރަށުގެ އިގްތިސޯދަށް ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ދިއްފުށީގެ ބިން އިތުރުކުރުމަކީ މުހިންމުކަމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މިރަށަކީ 27 ހެކްޓަރުގެ ރަށެއް. ރަށަށް އިތުރު 23 ހެކްޓަރު މި މަޝްރޫއުގައި އެބަ އިތުރުކުރެވޭ. އަޅުގަނޑު ދޭ ޔަގީންކަމަކީ މި މަޝްރޫއު އެއް އަހަރުދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން. މަސައްކަތް ފަށައިފައިވާއިރު މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ބިން ހިއްކައި، ހިއްކާ ސަރަހައްދު ހިމާޔަތްކޮށް އެއް އަހަރުން ނިންމާނަން." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ބިން ހިއްކައި ނިމުމުން އުމްރާނީ ގިނަ މަޝްރޫއުތަކެއް ރަށުގައި ހިންގެން ހުންނާނެ ކަމަށެވެ.

ދިއްފުށީގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު އެ ރަށުގައި ޑޮލަރު އޭޓީއެމެއް ހުރުމަކީ މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާޗުމަހުގެ ކުރީން ދިއްފުށީގައި ޑޮލަރު އޭޓީއެމެއް ބަހައްޓާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ސްކޫލު ތަރައްގީ ކުރުމުގެ ކަންކަމުގެ ތެރޭގައި މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމާއި ހާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް ކިޔަވައިދޭ ކްލާސްރޫމެއް ހިމަނާނެ ކަމަށެވެ. ރަށުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދިއްފުށީގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް މިއަންނަ އަހަރު ފަށާނެ ކަމަށާއި އަދި އެ މަރުކަޒަށް ބޭނުންވާ ޑޮކްޓަރުންނާއި އެޓެންޑެއްޓުން ހޯދުމަށް މިއަންނަ އަހަރު ބަޖެޓުކޮށްފައިވާނެކަަމަށް ރައީސް ވިދާޅުވިއެވެ. ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް އެކްސްރޭއާއި ސްކޭންގެ ހިދުމަތް ފަށާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ފެން ހިންދާ ނިޒާމު ރަނގަޅުކުރުމާއި މަގު ހެދުމުގެ މަސައްކަތް މިއަންނަ އަހަރު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ވޮލީ ކޯޓަކާއި ހޭންޑް ބޯލް ކޯޓެއްވެސް މިއަންނަ އަހަރު ތަރައްގީކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސްޕޯޓްސް ފިޝިންއަށް މަގުފަހިކުރުމަށް ރަށް ކައިރީގައި ބޮއެއް އަޅައިދޭނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.