ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ ތެރޭގައި ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅީން ބިރު ދައްކައި އިއްޔެރޭ ފަތިހު ލައްކައަކަށްވުރެ ގިނަ ޑޮލަރު ފޭރިގަތް މީހުންގެ ބަންދު ޖަހައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ، ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއް އިއްޔެރޭ ފަތިހު 4:45 އެހާކަންހާއިރު، ރިޕޯޓު ކޮށްފައިވެއެވެ.

އާ ޓާމިނަލްގައި ޑޮލަރު ކައުންޓަރެއް ހުންނައިރު މި ޑޮލަރުތަކަކީ އެތަނަށް ގެންދިޔަ ޑޮލަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން އިއްޔެ ވަނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހުންނާއި އެ މީހުން ފިލަން މަސައްކަތް ކުރި ލޯންޗު ހޯދައިފައެވެ.

ކޯޓުން މިއަދު ވަނީ އެ ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ. ނަމަވެސް އެ ހަތަރު މީހުންގެ ބަންދު ޖަހައިދިން ކޯޓެއް އަދި ސާފުވެފައެއްނުވެއެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން ފިލަން ދިޔައީ ކ. ހުރަޔަށެވެ. އެ ރަށުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ، ހުރަޔަށް ގޮސް އެ މީހުން ތިބި ގެސްޓް ހައުސްގެ ތެރޭގައި ޑޮލަރު ގެންގުޅެ އެ ގުނާތަން އެ ތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށާއި ނަމަވެސް އެއީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ނޫން ކަމަށެވެ. އެ މީހުން ހުރައަށް ގޮސްފައިވަނީ އިއްޔެ ހެނދުނު 9:00 ޖަހާކަންހާއިރު އެވެ. އެހެންކަމުން އެއާޕޯޓުން ޑޮލަރު ފޭރިގެން އެ މީހުން ފުރަތަމަ ދިޔަ ތަނެއް ސާފެއް ނޫނެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން އެހެން ރަށަކަށް ނޫނީ ޕޮލިސް ކަސްޓޯޑިއަލަށް ގެންގޮސްފައެވެ.

ހުރާގައި މިހާރުވެސް ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށްދާއިރު ގާތްގަނޑަކަށް 30 ވަރަކަށް ފުލުހުން އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި، މުވައްޒަފުންގެ އަތުން ފައިސާ ފޭރުނީ، ބާ ޓާމިނަލުން އާ ޓާމިނަލަށް ވަންނަން އޮންނަ ވޯކްވޭ ތެރެއިންނެވެ. ފޭރިގަތް މީހުން ހުއްޓުވަން އެ ސަރަހައްދުގައި މަސައްކަތްކުރި ސެކިއުރިޓީ އޮފިސަރެއްގެ ގަޔަށް އެ މީހުން ޕެޕަ ސްޕްރޭ ޖެހިކަންވެސް އެނގިފައިވެއެވެ. އެހެންނަމަވެސް މިކަން ވަނީ މުޅީން ކަށަވަރު ނުވެފައެވެ.