އިންޑިއާ އާއި ޗައިނާއާއެކު ހަދާ ލޯކަލް ކަރަންސީ ސެޓްލް މަންޓުން ޑޮލަރުގެ އަގު ބޮޑުވުމަށް ދިމާވެފައިވާ މައްސަ ކޮންމެވެސް ވަރަކަށް ހައްލުވާނެ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ އަގު ތިރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޑޮލަރު އަގު ބޮޑުވުމުގެ މައްސަލައަކީ ވަރަށްގިނަ ރައްޔިތުންނާއި ވިޔަފާރިވެރިން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
ޑޮލަރުގެ އަގު ދަށްކުރަން ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ގާނޫނަށް ގެނައި ބަދަލާއެކު ވިޔަފާރިތަކުން ވަކި ވަރަކަށް ބޭންކުތަކުން ޑޮލަރު މާރުކުރަން ޖެހޭގޮތަށް ހެދުމުގެ ހެޔޮ ނަތީޖާ މިހާރު ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިސަރުކާރު އައިސްފަ މީގެ ކުރިން ދުވަހަކުވެސް ނުކުރެވުނުކަމެއް ވަކި ވަރަކަށް ޑޮލަރު މާރުކުރަން ބުނުމަކީ، އެއީ އާދައިގެ ކަމެއްވެސް ނޫން. މިކަން ކުރުމުގެ ހެޔޮ ނަތީޖާ އެދަނީ މިހާރުވެސް ފެންނަމުން. ދޭތެރެދޭތެރެއިން ކާޑުން ލިމިޓް ބޮޑުކުރަމުން ދޭތެރެދޭތެރެއިން ބޭންކުން ޓީޓީއަށް ބޭރު ފައިސާ ދައްކާ އަދަދު އިތުރު ކުރަމުން އެދަނީ، މިހެންގޮސް އެތައް ކަމެއް އެބަކުރޭ،"
އޭގެ ތެރިން އިންޑިއާ އާއި ޗައިނާއާއެކު ރާއްޖެއިން ހަދާ ލޯކަލް ކަރަންސީ ސެޓްލްމަންޓުގެ ވާހަކަވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"ސަރުކާރުން އިންޑިއާ އަދި ޗައިނާއާއެކުވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން، ލޯކަލް ކަރަންސީ ސެޓްލްމަންޓްގެ ނިޒާމުތަކެއް ގާއިމުކުރަން މަސައްކަތްކުރަމުން މިދަނީ، ގާތްގަނޑަކަަށް ޗައިނާ އާއި އިންޑިއާއާ އެއްކޮށްލީމަ ދެ ބިލިޔަން ޑޮލަރާ ގާތަށް ރާއްޖޭން މި ދެގައުމާއެކު ވިޔަފާރިކުރޭ، އަޅުގަނޑުމެންނަށް މި ދެގައުމާއެކު ކަރަންސީން ވިޔަފާރި ކުރެވޭނެގޮތް އިންތިޒާމުވަމުން އެދަނީ، ކައިރި މުސްތަގުބަލެއްގައި އެކަން ފެށިއްޖެއްޔާ އޭގެންވެސް ޑޮލަރަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބޭނެ،" ސައީދު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު