މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި މަނީލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މިއަދު ޝަރީއަތަށް ވަޑައިނުގެންނެވޭނެކަން އެމަނިކުފާނުގެ ފަރާތުން ކޯޓަށް އަންގާފައިވާ ކަމަށާއި ނަމަވެސް ކޯޓުން ޝަރީއަތް ކެންސަލް ނުކުރެވޭނެކަން އެންގުމުން އޮންލައިންކޮށް އެ ޝަރީއަތަށް ހާޒިރުވާން ތައްޔާރުވިކަމަށް ރައީސް ޔާމީންގެ ވަކީލުން ބުނެފިއެވެ.

މިއަދުގެ ޝަރީއަތަށް ހާޒިރުނުވެ، ރަށުން ބޭރަށް ވަޑައިގަތުމުން ޔާމީނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކުރިމިނަލް ކޯޓުން މިއަދު ވަނީ ދީފައެވެ. އެކަމާ ގުޅިގެން ޔާމީންގެ ވަކީލުން ވަނީ ކަންހިނގައި ދިޔަގޮތް ހާމަކޮށްފައެވެ.

އެގޮތުން ވަކީލުން ބުނީ ޔާމީންގެ ޝަރީއަތް އެންމެ ފުރަތަމަ ތާވަލްކޮށްފައިވަނީ މިމަހުގެ 26 އަށް ކަމަށެވެ. އެ އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް، ތިލަދުންމަތީ އުތުރުބުރީ ކައުންސިލުން، "ހއ. އަތޮޅު ދުވަސް" ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ޔާމީނަށް މި މަހު 16 ގައި ދައުވަތު ލިބުނު ކަމަށެވެ.

"ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ، 27 އޮކްޓޯބަރު 2025 އާއި، 01 ނޮވެމްބަރު 2025 އާ ދެމެދުގެ ތާރީހެއްގައި ކަމަށް، ރައީސް ޔާމީނަށް ފޮނުވާފައިވާ ދައުވަތުގައި ބަޔާންކޮށްފައިވެއެވެ.. 26 އޮކްޓޯބަރު 2025 އަށް އަޑުއެހުމެއް ތާވަލުކުރެވިފައިވުމާއެކު، ޝަރީއަތުގައި ބައިވެރިވުމަށްފަހު، 27 އޮކްޓޯބަރު 2025 ގައި ފުރައިގެން ދިއުމުގައި ހުރަހެއް ނެތްކަމަށް ފެނުނު ހިނދު، އެގޮތުގެ މައްޗަށް، 20 އޮކްޓޯބަރު 2025 ގައި ރައީސް ޔާމީން ވައިގެ މަގުން ހދ. ހަނިމާދުއަށް ދިއުމަށް ޓިކެޓް ނަގާފައިވެއެވެ. 26 އޮކްޓޯބަރު 2025 އަށް ތާވަލުކުރެވިފައިވާ އަޑުއެހުން، 23 އޮކްޓޯބަރު 2025 ގައި ޝަރީއަތުން ކެންސަލްކުރިއެވެ..،" ވަކީލުން ބުނެފައިވެއެވެ.

އަދި ހަމަ އެ ތާރީހުގައި 27، 28 އަދި 29 އޮކްޓޯބަރު 2025 ގައި ރަސްމީ ދަތުރެއްގައި ރައީސް ޔާމީން ރަށުން ބޭރަށް ދާންޖެހޭކަން ކޯޓުގެ ސަމާލުކަމަށް ގެނެސް، އެ ދުވަސްތަކުގައި އިތުރު އަޑުއެހުމެއް ތާވަލުނުކުރުމަށް ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ކޯޓުގައި އެދިފައިވައިވާނެ ކަމަށެވެ.

ނަމަވެސް މިއަދުގެ 14:30 އަށް ޝަރީއަތް ތާވަލުކޮށް މި މަހު 25 ގައި ޔާމީނަށް ކޯޓު އަމުރު ފޮނުވާފައިވާ ކަމަށެވެ. އަދި އެ ގަޑިއަކީ ޔާމީން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ގަޑި ކަމަށް ވަކީލުން ބުންޏެވެ.

"ކޯޓު އަމުރު ލިބުމާއެކު، އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި، ވަކިލުންގެ ފަރާތުން، ލިބިފައިވާ ދައުވަތާއި، ނަގާފައިވާ ޓިކެޓްގެ ކޮޕީއާއެކު، އެކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އެހެނަސް އަޑުއެހުން ކެންސަލް ކޮށްދެވެން ނެތް ކަމަށާއި، ކަނޑައެޅިފައިވާ ގަޑީގައި، އަޑުއެހުން އޮންނާނެކަމަށް ކޯޓުން އަންގާފައިވެއެވެ."

އޭގެ އިތުރުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ 13 ވަކީލުންގެ ތެރެއިން އެއް ވަކީލެއް، ބަލިވެ އުޅުއްވާތީއާއި އެއް ވަކީލެއްގެ އިތުރު ކޮމިޓްމަންޓްތަކެއް ހުރުމުގެ ސަބަބުން، މިއަދުގެ އަޑުއެހުމަށް ހާޒިރުވެވެން ނެތްކަން ކޯޓަށް އަންގައި ކޯޓުގެ ހުއްދަ ހޯދާފައިވާ ކަމަށެވެ. އަދި މިއަދު ކޯޓަށް ހާޒިރުވާން ހަމަޖެހިފައިވަނީ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ، ގާނޫނީ ވަކީލު ހަމްޒާ ލަތީފް ކަމަށާއި އޭނާ ކްރިމިނަލް ކޯޓުގައި އޮތް ހެކިބަހާ މެދު ވާހަކަދެއްކުމުގެ ޝަރީއަތެއްގައި ބައިވެރިވާން ޖެހިފައި އޮތުމުން އެ އަޑުއެހުން މިއަދުގެ 16:00 އަށް ދިގު ދެމިގެންދާނެ ކަމަށް ބެލެވޭކަމަށް ލަފާކޮށްފައިވާ ކަމަށެވެ.

"ޓައިމްލައިން ހުރި ގޮތުން، ރައީސް ޔާމީނަށް ހަނިމާދޫގައި ފްލައިޓް ޖެއްސުމަށްފަހު، އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ އެކަށީގެންވާ ފުރުސަތު އޮތެވެ. ވަކީލު ހަމްޒާ ބައިވެރިވި އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނިކޮށް، 13:55 ގައި ކްރިމިނަލް ކޯޓުން ކަރަންޓް ކެނޑުނެވެ. އަދި ކްރިމިނަލް ކޯޓަށް ކަރަންޓު އަލުން ލިބިފައިވަނީ 15:00 ގައެވެ. ވީމާ, ގާނޫނީ ވަކީލު ހަމްޒާ ލަތީފް، ބައިވެރިވެލައްވާ އަޑުއެހުން، ކުރިއަށް ގޮސް ނިމުމުން، އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު، ރައީސް ޔާމީނަށް ފަހިވެފައިވާކަން، އެއްވެސް ޝައްކެއް ނެތް ގޮތެއްގައި ކަށަވަރުކުރެވެއެވެ."

އަދި ހަނިމާދޫން ޝަރީއަތުގައި ބައިވެރިވުމަށްޓަކައި، އެ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށާއި 15:05 ގައި ކޯޓުން ޔާމީންގެ ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށް ވަކީލުން ބުންޏެވެ.

ކުރިމިނަލް ކޯޓުން، ޔާމީންގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މެންދުރު 2:30 އަށެވެ. ނަމަވެސް 2:30 ވާން ކައިރިވެފައި ވަނިކޮށް ކުރިމިނަލް ކޯޓުންވަނީ ކަރަންޓު ކެނޑިފައެވެ. އެހެންވެ ޝަރީއަތް ފެށޭގޮތް ވަނީ ނުވެފައެވެ.

ކަރަންޓު ނެތް ނަމަވެސް ކޯޓުން ނިންމާފައިވަނީ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ކުރިމިނަލް ކޯޓުން ވަނީ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައެވެ. އެފަހުން ކުރިމިނަލް ކޯޓުން ބުނީ ޔާމީން ކޯޓަށް ހާޒިރުވެވަޑައިނުގަތުމުގެ ސަބަބުން ޝަރީއަތް ކެންސަލްކުރީ ކަމަށެވެ.

ކުރިމިނަލް ކޯޓުން ބުނީ މައްސަލަ ތާވަލުކުރެވިފައިވަނިކޮށް، ކޯޓުގެ ހުއްދަނެތި މާލެއިން ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.

"ރައީސް ޔާމީންގެ މައްޗަށްކުރާ ރިޝްވަތު ގަބޫލުކުރުމާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނެވެ. ނަމަވެސް މި އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ވަނީ ކެންސަލް ކުރެވިފައެވެ. ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެވެ..،" ކުރިމިނަލް ކޯޓުން ބުންޏެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ގައެވެ. އެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ، ހެކިބަސް ނެގުމަށްޓަކައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒު ހާޒިރުކުރުމަށް އެދިފައެވެ.