ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އަޒަރުބައިޖާންގެ ގައުމީ އެއާލައިން, އަޒަރުބައިޖާން އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން އަޒަރްބައިޖާން އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ.

27 އޮކްޓޯބަރު 2025، ވީއައިއޭގެ އާ ޓާމިނަލުން އަޒަރުބައިޖާންގެ ގައުމީ އެއާލައިނަށް ހިދުމަތްދޭން ފެށުން -- ފޮޓޯ/ އެމްއޭސީއެލް

އެ ރަސްމިއްޔާތުގައި އަވިއާ މޯލްޑިވްސްގެ ޑިރެކްޓަރު އަހުމަދު އަރުޝަދު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއަދުގެ ރަސްމިއްޔާތުގައި އަޒަރްބައިޖާން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 55 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, J2301 އިން ރާއްޖެ އައި 156 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

27 އޮކްޓޯބަރު 2025، ވީއައިއޭގެ އާ ޓާމިނަލުން އަޒަރުބައިޖާންގެ ގައުމީ އެއާލައިނަށް ހިދުމަތްދޭން ފެށުން -- ފޮޓޯ/ އެމްއޭސީއެލް

އަޒަރުބައިޖާން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 9 ނޮވެންބަރު 2024 ގައެވެ.

އަޒަރުބައިޖާން އެއާލައިންސްއާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 16 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.