މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ އިތުރުން އެމީހުންގެ އަނބިންނާއި ފިރިންނާއި ދަރިންގެ މާލީބަޔާން އާންމުކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކަސްޓަމްސްއާ ގުޅޭ ގިނަ މައްސަލަތަކެއް ބެލުމަށްފަހު އެކަންކަމުގައި ކަސްޓަމްސްގެ ތެެރެއިން ވެފައިވާ އިހުމާކުތަކެއް ފާހަގަކޮށް އެކަންކަން ރަނގަޅުކުރަން ކަސްޓަމަށް އަންގެންޖެހޭ ކަންތައްތަކެއް ފާހަަގަކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވައިލި ރިޕޯޓެއް މަޖިލިސް ތަޅުމަށް ވަނީ ހުށަހަޅައިފައެވެ.

އެކަންތައްތައް ކަސްޓަމަށް އަންގަން ނިންމީ ކޮމިޓީން ހުށަހެޅި ރިޕޯޓް މިއަދު މަޖިލީހުން ފާސްކޮށްގެންނެވެ.

ކޮމިޓީން ބެލި މައްސަލަތަކަކީ، ކަސްޓަމްސްގެ 21 މުވައްޒަފެއްގެ އެކައުންޓްތަކުގައި 400 މިލިއަނެއްހާ ރުފިޔާ ދައުރުވެފައިވާ މައްސަލަ އާއި، އެގްޒޮޓިކް އެންޓަ ޕްރައިސަސް ބޮންޑެޑް ވެއާ ހައުސްގައި ހުރި 575 ސިިރޭޓް ކާޓޫނު ކަސްޓަމަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް ނެރުމުގެ ސަބަބުން ގެއްލިފައިވާ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ 47 މިލިއަން ރުފިޔާ ނުލިބުނު މައްސަލަ އާއި، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓަކުން ގާނޫނާއި ގަވާއިދާ ހިލާފަށް 200 މާސްޓާ ކާޓޫން ސިނގިރޭޓް އެތެރެކުރި މައްސަލައެެވެ.

މަޖިލީހުން ފާސްކުރި ރިޕޯޓުން، ކަސްޓަމަަށް އެންގި ކަންތައްތައް:

  • ގާނޫނުން ކަސްޓަމާ ހަވާލު ކޮށްފައިވާ ވާޖިބާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށް މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކޮށް އެ މަސައްކަތް ކުރަން ރޭވިފައިވާގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާ ކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިންއެއް ތައްޔާރުކޮށް ކޮމިޓީއަށް އެންގުން
  • ގާނޫނުގައި ބުނާ ކަސްޓަމްސް އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރޭތޯ ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކޮށް އަޅަމުން ގެންދިއުމަށާއި، ކަސްޓަމްސްގެ ގާނޫނާއި، އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކުރަމުންދާ މުވައްޒަފުންގެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ކަސްޓަމަސްއަކީ ގާނޫނުތަކާ އެއްގޮތަށް ހިނގާ އަދި ރައްޔިތުންގެ އިތުބާރު އޮންނަ ހިދުމަތަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އެ މަސައްކަތްތައް ކުރަން ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަަމަށް ލަފާކުރާ މުއްދަތު ހިމެނޭ ޓައިމްލައިނެއް ކޮމިޓީއަށް އެންގުމަށް
  • މިފަދަ މައްސަލަތައް ތަކުތާރުވިޔަ ނުދިނުމަށާއި މިފަދަ މައްސަލަތަކުގައި މުވައްޒަފުން ޝާމިލުވުން ހުއްޓުވުމަށް މުވައްޒަފުންނާއި މުވައްޒިފުންގެ އަނބިންނާއި ފިރިންނާއި ދަރިންގެ އެސެޓް ޑިކްލެއާ ކުރަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކޮށް އަދި އެގޮތުން ހާމަކުރާ ފޯމުތައް ރިވިއުކޮށް އަޅަންޖެހޭ ފިޔަަވަޅުތައް އެޅޭނެ ހަރުދަނާ މެކެނިޒަމެއް ގާއިމުކުރުމަށާއި އެ މަސައްކަތްކުރުމަށް ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިނެއް ކޮމިޓީއަށް އެންގުން

ކޮމިޓީ ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.