މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި މަނީލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މިއަދު ޝަރީއަތް އެ މަނިކުފާނު ވަޑައިނުގެންނެވުން، ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކުރިމިނަލް ކޯޓުން މިއަދު ދީފިއެވެ.
މި މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާވެސް ކުރެއެވެ.
ކުރިމިނަލް ކޯޓުން، ޔާމީންގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މެންދުރު 2:30 އަށެވެ. ނަމަވެސް 2:30 ވާން ކައިރިވެފައި ވަނިކޮށް ކުރިމިނަލް ކޯޓުންވަނީ ކަރަންޓު ކެނޑިފައެވެ. އެހެންވެ ޝަރީއަތް ފެށޭގޮތް ވަނީ ނުވެފައެވެ.
ކަރަންޓު ނެތް ނަމަވެސް ކޯޓުން ނިންމާފައިވަނީ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ކުރިމިނަލް ކޯޓުން ވަނީ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައެވެ. އެފަހުން ކުރިމިނަލް ކޯޓުން ބުނީ ޔާމީން ކޯޓަށް ހާޒިރުވެވަޑައިނުގަތުމުގެ ސަބަބުން ޝަރީއަތް ކެންސަލްކުރީ ކަމަށެވެ.
ކުރިމިނަލް ކޯޓުން ބުނީ މައްސަލަ ތާވަލުކުރެވިފައިވަނިކޮށް، ކޯޓުގެ ހުއްދަނެތި މާލެއިން ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.
"ރައީސް ޔާމީންގެ މައްޗަށްކުރާ ރިޝްވަތު ގަބޫލުކުރުމާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނެވެ. ނަމަވެސް މި އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ވަނީ ކެންސަލް ކުރެވިފައެވެ. ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެވެ..،" ކުރިމިނަލް ކޯޓުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ޔާމީންގެ ފަރާތުން މިއަދުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެދި ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ.
އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ގައެވެ. އެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ، ހެކިބަސް ނެގުމަށްޓަކައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒު ހާޒިރުކުރުމަށް އެދިފައެވެ.
ހެއްކެއްގެ ގޮތުގައި ރިޔާޒު ހާޒިރުކުރަން ޔާމީންގެ ވަކީލުންގެ ޓީމުން ހުށަހެޅީ، އެ މައްސަލައިގައި ޔާމީނާއެކު ކުރިން ދައުވާ ލިބުނު އަހުމަދު ކްރިކް ރިޒާ، އެ މައްސަލައިގެ ތަހުގީގުގައި، އޭސީޕީ ރިޔާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯއެއް ފެންމަތިވެފައިވާތީއެވެ.
އެ އޯޑިއޯ ހޯދުމަށް ދައުލަތުގެ ކިބައިން އެދިފައިވާނެ ކަމަށްވެސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ. އަދި ރިޔާޒްގެ ހެކިބަހަކީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ކުރިން އެ މައްސަލައިގައި ނެގުން މުހިންމު ހެކިބަހެއް ކަމަށް ވެސް ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.
އެ ހުށަހެޅުމާ ގުޅިގެން ދައުލަތުން ބުނެފައިވަނީ، އެ އޯޑިއޯ ހެއްކާއި ރިޔާޒްގެ ހެކި ޝަރީއަތަށް ބަލައިގަތުމާ މެދު ޗެލެންޖް ކުރުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ.
އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ، އަލީ ނަދީމް ފުރަތަމަ ނިންމެވީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބައި ކުރިއަށްގެންދިއުމަށްފަހު، ޔާމީންގެ އެ ހުށަހެޅުންތަކާ މެދު ފަހުން ގޮތެއް ނިންމުމަށެވެ.
ނަމަވެސް ޔާމީންގެ ވަކީލުން އެދުނީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށްގެންދިއުމަށެވެ.
އެހެންކަމުން ގާޒީ ނިންމެވީ ޔާމީން އެދުނުގޮތަށް ރިޔާޒް ހާޒިރުކުރުމާއި އޯޑިއޯއާ ބެހޭގޮތުން ހުށަހެޅި ކަންކަން ދިރާސާ ކުރެއްވުމަށްފަހު، އެކަމާ މެދު ފަހުން ގޮތެއް ކަނޑައެެޅުމަށެވެ. އެހެންކަމުން ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބައި އެ ދުވަހު ކުރިއަށް ނުގެންގޮސް، އަޑުއެހުން ވަނީ ނިންމާލައިފައެވެ.
ޔާމީންގެ ޝަރީއަތް މެންދުރު 2:30 އަށް ތާވަލުކުރިއިރު މިއަދު އެ މަނިކުފާނު ހއ. ދިއްދުއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމެޖެހިފައެވެ. އެ މަނިކުފާނު ދިއްދުއަށް ވަޑައިގަންނަވަނީ ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށް ދެއްވުމަށެވެ.
މުހައްމަދު އިޝާން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން