ރާއްޖޭގެ ކަނޑުގެ ބޯޑަރު ފޫއަޅުވާލައި ދަ ހޯކްސްގެ ބޯޓަކުން ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި، ބޮންޑެޑް ވެއާހައުސްގައި ހުރި އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ސިނގިރޭޓް ކާޓޫނުތައް ގެއްލުނު މައްސަލައިގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބޮޑެތި އިހުމާލުތަލެއް ރައްޔިތުންގެ މަޖިލީހުން ފާހަގަ ކޮށްފިއެވެ.

ސިނގިރޭޓާ ބެހޭ އެ ދެ މައްސަލައިގެ އިތުރުން ކަސްޓަމްސްގެ 21 މުވައްޒަފެއްގެ ބޭންކު އެކައުންޓްތަކުގައި 400 މިލިޔަނެއްހާ ރުފިޔާ ދައުރުވެފައިވާ މައްސަލައެއް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ން ދިރާސާކޮށް އެކުލައިލި ރިޕޯޓް މަޖިލީހަށް ހުށަހަޅައި މިއަދު ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން ރިޕޯޓްގައިވާގޮތުން އެގްޒޮޓިކް އެންޓަޕްރައިސަސްއިން ބޮންޑެޑް ވެއާ ހައުސްގައި ހުރި 575 ކޭސް ސިނގިރޭޓް ގާނޫނާއި ގަވައިދާ ހިލާފަށް ނެރެފައިވާއިރު ސިނިގިރޭޓާއެކު އެ ބޮންޑެޑްވެއާ ހައުސް ގެއްލިފައިވާ ކަންވެސް ވަނީ ފާހަގަކޮށްފައެވެ. ރިޕޯޓްގައި ވަނީ އެކަމުގެ ސަބަބުން ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 47 މިލިޔަން ރުފިޔާ ގެއްލިގެންގޮސްފައިވާ ކަމަށެވެ.

ދަ ހޯކްސްގެ ބޯޓަކުން ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ވަގަށް 200 މާސްޓާ ކާޓޫން މެންޗެސްޓާ ސިނގިރޭޓް އެތެރެކޮށްފައިވާ މައްސަލައިގެ ތަހުގޫީގު ކަމާބެހޭ ފަރާތްތަކުން އަދިވެސް ކުރިއަށް ގެންދާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލައިގައި ކޮމިޓީން ފާހަގަކޮށްފައިވާ ކަސްޓަމްގެ އިހުމާލު ހިމެނޭ ކަންތައްތައް:

  • ބޮންޑެޑް ވެއާ ހައުސްތަކުގެ ތެރެއިން ތިލަފުށީގައި ހުރި ދެވަނަ ބޮންޑެޑް ވެއާހައުސްގެ ކެމެރާ ފީޑް ކަސްޓަމްސް އަށް ލިބެމުން ނުދިއުން
  • ރާއްޖޭގެ ބަނދަރުތަކަށް އަންނަ ރާއްޖޭން ބޭރަށް ދަތުރުކުރާ ބޯޓުފަހަރަށް އަރައިފައިބާ މީހުންނާއި އަރުވައިބާލާ ތަކެތި ބެލެހެއްޓުމަކީ ކަސްޓަމްގެ ޒިންމާއަކަށް ވާތީ އެންމެ ރަނގަޅަށް ގާނޫނީ ޒިންމާ އަދާކުރަމުން ނުދާކަން
  • އެ މަސްއޫލިއްޔަތު އަދާ ކުރަން ހުރި ގޮންޖެހުންތައް ހައްލުކުރަން އެކަށީގެންވާ މަސައްކަތްތައް ކުރިއަށް ނުގެންދާކަން
  • ރާއްޖޭގެ ޕޯޓްތަކަށް އެކަށީގެންވާ މިންވަރަށްވުރެ ބޮޑެތި ބޯޓުފަހަރު ގާތްކޮށް މުދާ ބޭލުމަށް ހުއްދަ ދިނުން
  • އެކަމުގެ ސަބަބުން ނުކުންނާނެ ސެކިއުރިޓީ ރިސްކަށް ބެލުމުގެ ބަދަލުގައި ޓްރޭޑް ފެސިލިޓޭޝަން ޕޮލިސީއަށް އިސްކަންދިނުން
  • ޕޯޓްތަކުން މުދާ ބާލާއިރު ކަސްޓަމްސް އިން 24 ގަޑިއިރު ސާވައިލެންސް ކުރުމުގެ ނިޒާމު ހަރުދަނާ ކުރަން ޖެހިފައިވާކަން

ޓައިމްލައިނެއްގެ ދަަށުން މިކަންކަން ރަނގަޅު ކުރުމަށް ކަސްޓަމަށް އަންގައި އެ ޓައިމްލައިން މަޖިލީހުގެ 241 ކޮމެޓީއަށް އެންގުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.