ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު އޮޑި ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ފަހަތުން އަރައި ބުރު ސްޕޯޓްސް ކްލަބު ބަލިކުރި އިރު، ރޭ ވިކްޓްރީ ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބު ކައިރިން ހަނި މޮޅެއް ހޯދައިފިއެވެ.

ގައުމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު ކައިރިން އޮޑި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބުރުން ގޯލެއް ޖެހި ނަމަވެސް، ދެވަނަ ހާފުގައި އޮޑިން ވަނީ ނަތީޖާ އަނބުރާލައިފައެވެ. އެޓީމުގެ ދެވަނަ ގޯލް ފެނިގެން ދިޔައީ މެޗުގެ ފަހު މިނެޓު ކޮޅުގައެވެ.

ބުރުން 36 ވަނަ މިނެޓުގައި ލީޑު ނަގާފައިވާ އިރު، އެޓީމަށް ގޯލް ޖަހައިދިނީ މުހައްމަދު ނާއިމްއެވެ. ނާއިމްގެ ގޯލާއެކު ލީޑުގައި އޮވެގެން ދެވަނަ ހާފަށް ނުކުތް ބުރު ކޮޅަށް އޮޑީގެ ފުރަތަމަ ގޯލް ޖެހީ އަބްދުﷲ ލޫތު އިބްރާހީމެވެ.

އެ ގޯލާއެކު ބުރުން އުންމީދެއް ހޯދައި ކުރި މަސައްކަތުގައި އެޓީމުގެ ދެވަނަ ގޯލް ފެނުނީ 90 ވަނަ މިނެޓުގައެވެ. އެ ގޯލް ޖަހައިދިނީ ޒުވާން ފޯވަޑް، މުޒްދާން ހަސަނެވެ.

ރޭ ވިކްޓްރީން ޓީސީ ބަލިކުރި މެޗުގެ ހަމައެކަނި ގޯލް ފެނިގެން ދިޔައީ މެޗުގެ ކުރީކޮޅުގައެވެ. 1-0 އިން ވިކްޓްރީ މޮޅުވީ އަލީ ނަސޫހު ރަޝީދު (ޕިލާ) ޖަހައިދިން ގޯލުންނެވެ.

ވިކްޓްރީން ރޭގެ މެޗަށް ނުކުތީ އޭގެ ކުރިން ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ކައިރިން ބަލިވެފައި އޮވެގެންނެވެ. އެ ނަތީޖާ ހަނދާން ނައްތާލުމަށް މުހިއްމު މޮޅެއް ހޯދި އިރު، ރޭގެ މެޗަކީ އާ ކޯޗު ޖޯޖްލީ ގެރީ ހަވާލުވިފަހުން އެޓީމުން ހޯދި ފުރަތަމަ މޮޅެވެ.

ވިކްޓްރީ މިވަގުތު ފަސްވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ޓީސީ އޮތީ ނުވަ ވަނައިގައެވެ. އޮޑިން އިއްޔެ ކުޅުނު މެޗުން މޮޅުވެ ދެވަނައަށް ޖެހިލީ ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ.

އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ފަސް މެޗުން 15 ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިރޭ ކްލަބް އީގަލްސް އަތުން މޮޅުވެއްޖެނަމަ ކުރިއަށް ޖެހިލެވޭނެއެވެ.