ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރާ މެންބަރުގެ ގޮތުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހުސްނީ މުބާރަކްގެ ނަން މިއަދު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ފަލާހު އެވެ. ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސްއެވެ.

ޖޭއެސްސީއަށް ހުސްނީ މުބާރަކް އައްޔަން ކުރައްވާނީ މަޖިލީހުން ފާސް ކުރުމުންނެވެ.

މަޖިލިސް ތަމްސީލު ކުރައްވާ މެންބަރުގެ ގޮތުގައި ޖޭއެސްސީގެ ރައީސްގެ މަގާމުގައި އިންނެވި ރިޒާ އިސްތިއުފާދެއްވީ އިއްޔެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ޖޭއެސްސީއަށް އަދި ރިޒާއަށް ގުޅުމުންވެސް ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.

ޖޭއެސްސީގެ ރައީސްގެ މަގާމަށް ރިޒާ އައްޔަންކުރައްވާފައިވަނީ 12 ޖޫން 2024، ގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް ރިޒާ އިންތިހާބުކޮށްފައިވަނީ 2024 ޖޫން ހަތަރުވަނަ ދުވަހުގައެވެ.