އައްޑޫ ސިޓީ ހިތަދޫއާ ހުޅުދޫ - މީދޫ ގުޅާލާ ބުރިޖުގެ މަސައްކަތަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށް ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލް އިންޖިނިއަރިން ކޮންސަލްޓިން ކޮމްޕެނީ ލިމިޓެޑް (ޓީވައިލިން) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެވެ. އަދި ޓީވައިލިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ޕްރެސިޑެންޓް ޗެން ޝީއޯހޫއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުގެ ސާވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި އަމަލީ މަސައްކަތް ޓެންޑާ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ބޭނުންވާ ލަފާ އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓު ހެދި އެ މަސައްކަތުގެ އަގަކީ 1,025,000 (އެއް މިލިއަން) އެމެރިކާ ޑޮލަރެވެ.