އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފިއެވެ.

އައްޑޫ ސިޓީގެ ތިން ރަށެއްގެ ރައްޔިތުންގެ މެދުގައި އިއްޔެ ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ.

ވޯޓުގެ ދާއިމީ ނަތީޖާ

ފޭދޫ ރަސްމީ ނަތީޖާ:

  • ފެންނަކަމަށް: 616
  • ނުފެންނަކަމަށް: 1784
  • ބާތިލް ވޯޓު: 36
  • ވޯޓުލުމުގެ ހައްގު ލިބޭ އަދަދު: 4355
  • ވޯޓުލީ މީހުންގެ އަދަދު: 2436

ހުޅުދޫ ރަސްމީ ނަތީޖާ:

  • ފެންނަކަމަށް: 723
  • ނުފެންނަކަމަށް: 329
  • ބާތިލް ވޯޓު: 36
  • ވޯޓުލުމުގެ ހައްގު ލިބޭ އަދަދު: 2874
  • ވޯޓުލީ މީހުންގެ އަދަދު: 1069

މީދޫ ރަސްމީ ނަތީޖާ:

  • ފެންނަކަމަށް: 847
  • ނުފެންނަކަމަށް: 144
  • ބާތިލް ވޯޓު: 17
  • ވޯޓުލުމުގެ ހައްގު ލިބޭ އަދަދު: 2347
  • ވޯޓުލީ މީހުންގެ އަދަދު: 1008

ވޯޓުގެ ދާއިމީ ނަތީޖާއާ ވަގުތީ ނަތީޖާއާ ދެމެދު މާ ބޮޑު ފަރަގެއް ނެތެވެ. ވަގުތީ ނަތީޖާ ދެއްކި ގޮތުގައި ފޭދޫން ކައުންސިލުން ވަކިވާން ފެންނަ ކަމަށް ވޯޓު ދިނީ 615 މީހެކެވެ. ނުފެންނަ ކަމަށް 1782 މީހުން ވޯޓު ދީފައިވެއެވެ. މީދޫން ފެންނަ ކަމަށް ވޯޓު ދިނީ، 841 މީހެކެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ. ހުޅުދޫން ފެންނަ ކަމަށް 720 މީހުން ވޯޓުދިން އިރު ނުފެންނަ ކަަމަށް 325 މީހުން ވޯޓު ދީފައިވެއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން އާއްމުކުރި ދާއިމީ ނަތީޖާ ދައްކާ ގޮތުން ފޭދޫ ރައްޔިތުން ނިންމީ، އައްޑޫ ސިޓީ ކައުންސިލާއެކުގައި ދެމި އޮތުމަށެވެ. ނަމަވެސް އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އެ ދެ ރަށުގައި ވަކިވަކި ކައުންސިލްތަކެއް އުފެއްދުމަށެވެ.