ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތައް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފާނެތި ނައްތައިނުލުމަށް ފުލުހުންނަށް މިއަދު އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ވަނީ މިމަހުގެ 21 ވަނަ ދުވަހު "ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އިސްލާހުކޮށް ގެޒެޓުކޮށްފައެވެ. އިސްލާހު ކޮށްފައިވަނީ ގަވައިދުގެ 21 ވަނަ މާއްދާއެވެ. އެ މާއްދާއަކީ ރައްކާ ކުރާން ޖެހޭ ލިޔެކިޔުމާއި މައުލޫމާތުތަކާ ގުޅޭ މާއްދާއެވެ.
އެ މާއްދާއަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެކަމަށް ޕީޖީން ނިންމައިފިނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައ،ި ގަވައިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން އަމަލުކުރުމަށްފަހު އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ޑިޕާޓްމެންޓުގެ ވެރިޔާއަށް ނިންމިދާނެ ކަމަށެވެ.
އެ އިސްލާހާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުވާ ނުކުރެވޭނެކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތައް، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން އެއް އަހަރު ތެރޭގައި ނައްތައިލެވިދާނެ ހާލަތްތަކެއް އަދި އިޖުރާއަތްތަކެއް "ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
"ނަމަވެސް، މި އޮފީހުން ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތަކުގެ އަސްލު، ޖިނާއީ އެހެން ދައުވާތަކާ ގުޅިގެން ބޭނުން ކުރަން ޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެކަންކަމަށް ރިއާޔަތްކޮށް، ދައުވާ ނުކުރެވޭނެކަމަށް މި އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތައް ރައްކާތެރިކުރުމާއި، ނައްތައިލުމާ ގުޅޭ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށްޓަކައި މި އޮފީހުން މިގެންދަނީ އެކުލަވައިލަމުންނެވެ" ޕީޖީ އޮފީހުން ބުންޏެވެ.
"އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރެވެންދެން، މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިޔުންތަކުގެ އަސްލު ނައްތައިނުލުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި މިއަދު ވާނީ ދަންނަވާފަ" ޕިޖީން ބުންޏެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ފަރާތުން "ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ތަހުގީގު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދައުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާ ނަމަ، އެ މައްސަލައިގެ ބާވަތަށާއ،ި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، އަލުން ހެއްކެއް ލިބިދާނެކަމަށް ނުބެލެވޭކަމަށް އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތަށާއި އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުން ކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެތެރޭގައ،ި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމުގެ ބާރު ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ޑިޕާޓްމެންޓުގެ ވެރިޔާއަށް ލިބިގެންވާ ކަމަށެވެ.
ގަވައިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މައްސަލައެއްގެ ލިޔެކިޔުންތައް ނައްތާލުމުގެ ކުރީން، އެ މައްސަލައެއްގެ ހުރިހާ ލިޔެކިޔުންތަކެއް ސްކޭން ކުރަންވާނެ ކަމަށެވެ. މައްސަލައެއްގެ ލިޔުންތައް ނައްތާލަން ވާނީ ނަކަލު ނުކުރެވޭ އަދި ނަގުލުވެސް ނުކުރެވޭ ގޮތަކަށް ކަމަށެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް