ގްރީން ޓެކުހުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ މިއަހަރު ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިހާރު އާންމުކޮށްފައިވާ "ގްރީން ފަންޑު ރިޕޯޓު" ގައިވާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު 105 ޕަސަންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 834 މިލިއަން ރުފިޔާއެވެ.
ގްރީން ޓެކްސް ނަގަން ފަށައިފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ގްރީން ޓެކުހަކީ ޓޫރިސްޓު ރިޒޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތައް އަދި ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ.
ރިސޯޓުތަކާއި، ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 12 ޑޮލަރު ގްރީން ޓެކުހުގެ ގޮތުގައި ނަގައެވެ. ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ހަ ޑޮލަރު ނަގައެވެ. އުމުރުން ދެ އަހަރު ނުވާ ކުޑަކުދީން ގްރީން ޓެކުހުން އިސްތިސްނާވެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ތެރޭގައި ރާއްޖެއަށް 1.7 މިލިއަން ފަތުުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.
މުހައްމަދު އިޝާން
ގްރީން ޓެކްސް