މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިރާއިން މިއަދު އާންމުކުރި "މަންތިލީ ރެވެނިއު ކަލެކްޝަން ފޯ ޑިސެމްބާ 2025" ރިޕޯޓުގައިވާ ގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 2.48 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރު ޑިސެމްބަރު މަހު ލިބުނު އާމްދަނީއަކީ އޭގެ ކުރީގެ އަހަރާ ބަލާއިރު 30.70 ޕަސަންޓުގެ އިތުރުވުމެއްކަމަށް މީރާއިން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ އާމްދަނީ އިތުރުވީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީއާއި، ގްރީން ޓެކްސް އަދި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންކަމަށް މީރާއިން ބުންޏެވެ. އަދި ރާއްޖެއަށް އެ މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދު އިތުރުވުމަކީވެސް އާމްދަނީ އިތުރުވި ސަބަބެއްކަމަށް މީރާއިން ބުންޏެވެ. ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 12.8 ޕަސަންޓަށް އިތުރުވިކަމަށް މީރާއިން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީގެ އަދަދަށްވުރެ 17.4 ޕަސަންޓް އިތުރަށް އާމްދަނީ ލިބުނުކަމަށް މީރާއިން ބުންޏެވެ. އަންދާޒާއަށްވުރެ އިތުރަށް އާމްދަނީ ލިބުނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީގެ އިތުރުން ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުންނާއި، ބިން ވިއްކުމާއި، ބިން ބަދަލުކުރުމުގެ ފީ އާއި، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންކަމަށް މީރާއިން ފާހަގަކުރިއެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރުމަހު ޖީއެސްޓީގެ ގޮތުގައި 1.72 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. އެއީ ޑިސެމްބަރުމަހުގެ އާމްދަނީގެ 53.2 ޕަސަންޓުކަމަށް މީރާއިން ބުންޏެވެ.

ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 519 މިލިއަން ރުފިޔާ ލިބުނުއިރު، ގްރީން ޓެކްސްގެ ގޮތުގައި 218.7 މިލިއަން ރުފިޔާ ލިބުނުކަމަށް މީރާއިން ބުންޏެވެ. އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 191.3 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 176 މިލިއަން ރުފިޔާގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި 160 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި 157.83 މިލިއަން ޑޮލަރު، އާމްދަނީގެ ގޮތުގައި ލިބިފައިވާކަމަށް މީރާއިން ބުންޏެެވެ. އެއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ލިބުނު 112.82 މިލިޔަން އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު 40 ޕަސަންޓުގެ އިތުރުވުމެއްކަމަށް މީރާއިން ބުންޏެވެ.