އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުގައި ހުޅުދޫ އާއި މީދޫން ވަކި ކައުންސިލެއް އުފައްދަން މެޖޯރިޓީ ލިބިފައިވާތީ ހުޅުމީދޫގައި މިރޭ ހަވާ އަރުވަށް ނިންމައިފިއެވެ.

އިއްޔެ ބޭއްވި އެ އިންތިހާބުގައި ހުޅުދޫ އާއި މީދޫގެ ބޮޑު އިންސައްތައެއްގެ ރައްޔިތުން ވަނީ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓުދީފައެވެ.

ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 720 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 67.29 ޕަސެންޓު މީހުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ. އެއީ 30.37 ޕަސަންޓު މީހުންނެވެ.

މީދޫގެ ހަތަރު ފޮށި ވެސް ގުނައި ނިމިފައިވާ އިރު، މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 841 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 83.93 ޕަސަންޓު މީހުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ. އެއީ 14.37 ޕަސަންޓު މީހުންނެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހުޅުދޫއާއި މީދޫގައި މިރޭ ހަވާއެރުވުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫގެ ބަނދަރުގެ ސަރަހައްދުގައި މިރޭ 8:30 ގަ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފޭދޫ ރައްޔިތުން ނިންމީ ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1782 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 73.61 ޕަސަންޓު މީހުންނެވެ. އަދި ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ. އެއީ 25.40 ޕަސަންޓު މީހުންނެވެ.

އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމަށް 9،721 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވެއެވެ. މާނައަކީ ވޯޓުލުމުގެ ހައްގު 9،721 މީހަކަށް ލިބިގެންވުމެވެ.

މި އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު އިއުލާންކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ބުނެފައެވެ.