ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ވެލެންސިއާއާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވެފައިވާ އިރު، ދެޓީމުވެސް ތާވަލުގައި އޮތީ އުނދަގޫ ހާލަތެއްގައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީއަށްވެސް ހޯދުނީ އެންމެ މޮޅެކެވެ.

ރޭގެ ޕޮއިންޓާއެކު ޔުނައުޓެޑް ވިކްޓްރީ ފަސް މެޗުން ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައި އޮތް އިރު، ވެލެންސިއާ ފަސް މެޗުން ހަތަރު ޕޮއިންޓާއެކު އޮތީ ހަތްވަނައިގައެވެ. ދެޓީމުގެ ފަރަގަކީ ޖެހި ގޯލްގެ ފަރަގެވެ.

ހަމަލާތައް މަދުކޮށް ފެނިގެން ދިޔަ މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑް ވިކްޓްރީގެ ސޮލާހް އަލީ އުފެއްދި ހަމަލާ ވެލެންސިއާގެ ކީޕަރު ވިއޮރެލް ބޮއިއަން ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މާބޮޑު ނުރައްކަލެއް ފެނިގެން ގޮސްފައި ނުވާއިރު، ހާފުގެ ފަހުކޮޅުގައި ވެލެންސިއާގެ ދެ ހަމަލާއެއް ފެނުނެވެ.

އަހުމަދު މިކްޔާލް ފޮނުވާލި ހަމަލާ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަލީ އަޑޭލް މުސްތަފާ އަލީ މަތަކުރި އިރު، ޑިފެންޑަރު ޑަވަރަންބެކް އަބްދުވަހަޕޯވަށް ލިބުނު ފުރުސަތުގައި އޭނާއަށް ބޭނުމެއް ނުހިފުނެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑް ވިކްޓްރީން ތަންކޮޅެއް ބޮޑަށް ނުރައްކާ ކުރި އިރު، އިބްރާހީމް ފުރުގާނަށް ލިބުނު ފުރުސަތުގައި އޭނާއަށް ނުރައްކާ ކުރެވިފައި ނުވާ އިރު، މިސްރު ފޯވަޑް މޮސްތަފާ މުހައްމަދު އަލީއަށް ލިބުނު ފުރުސަތުގެ ބޭނުންވެސް ނުހިފުނެވެ.