އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 52.9 ޕަސަންޓު މީހުން ވޯޓު ނުލާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ވޯޓުލާން ގޮސްފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 9721 މީހުންގެ ތެރެއިން 4510 މީހުންނެވެ. އެއީ 47.1 ޕަސަންޓު މީހުންނެވެ.
މިއަދު ނެގި ވޯޓުގައި ހުޅުދޫ އާއި މީދޫގެ ބޮޑު އިންސައްތައެއްގެ ރައްޔިތުން ވަނީ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓުދީފައެވެ.
ފޭދޫ ރައްޔިތުން ނިންމީ ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށެވެ.
މި އިންތިހާބުގައި ވޯޓުލުމަށް މާލެއާއި އައްޑޫގެ ތިން ރަށެއްގައި ވަނީ ވޯޓު ފޮށި ބަހައްޓައިފައެވެ. އެގޮތުން ހުޅުދޫގައި ތިން ވޯޓު ފޮށި، މީދޫގައި ތިން ވޯޓު ފޮށި، ފޭދޫގައި ފަސް ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށު މީހުން ވޯޓުލުމަށް ހަތް ވޯޓު ފޮށި ބެހެއްޓިއެވެ. އެއީ ޖުމުލަ 18 ވޯޓު ފޮއްޓެވެ.
ރައީސް އޮފީހުން މިމަހުގެ 12 ވަނަ ދުވަހު ބުނެފައިވަނީ އައްޑޫ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ، އައްޑޫ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހިމެނޭ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިސްލާހުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ކަނޑައެޅުއްވީ، ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ކުރިން ނެރުއްވި ގަރާރު އިސްލާހުކުރެއްވުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު ނެރުއްވި ގަރާރުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އެ ގަރާރުގައިވާ ގޮތުގެ މަތީން ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ސުވާލުތަކެއް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
ހުޅުދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
1. އައްޑުއަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
1. އައްޑުއަތޮޅު މީދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
އައްޑުއަތޮޅު ފޭދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާންކުރާނީ މާދަމާއެވެ.
އާއިޝަތު މާހާ
އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫ ސިޓީ