ހުޅުމާލޭގެ މަގުތަކަކީ ކަނބަލުންނަށް ރައްކާތެރި ތަނަކަށް ވާން ޖެހޭ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ރިޓަޔާޑް އަލީ ޒުހައިރު އެދިލައްވައިފި އެވެ.

ހުޅުމާލެ މަގުތަކަކީ އެންމެންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން އިއްޔެ ފެށި "ހިތްފަސޭހަ ހުޅުމާލެ"ގެ ރަސްމިއްޔާތުގައި ޒުހައިރު ވިދާޅުވީ މީގެކުރިންވެސް ހުޅުމާލެ އުފެދިފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަތަނެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް މިހާރު އެކަން ބަދަލުވަމުންއައިސް ހުޅުމާލޭގެ މަގުތަކުގައި ނަލަހެދިގެން ހިނގާ ކަނބަލުންނާ ފޮށިހަދާ ކަމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޒުހައިރު ވިދާޅުވީ ހުޅުމާލޭގެ މަގުތަކަކީ ކަނބަލުންނަށް ދުއްތުރާ ނުކުރާ ތަނަކަށް ހެދުމަށް އެޗްޑީސީން މަސައްކަތްކުރަމުންގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުތަކަކީ އަމާން މަގުތަކަށް ވާން ޖެހޭ. ހާއްސަކޮށް އަންހެންބޭފުޅުންނާ ފޮށި ދުއްތުރާ ނުކުރާ ތަނަކަށް ވާން ޖެހޭ. ހާއްސަގޮތެއްގައި މަގުމަތީގައި ނުވަތަ ދުވާރުމަތީގައި ވިޔަފާރިކުރާ ފަރާތްތަކުން، އަޅުގަނޑުމެންނަށް ފެނިފަ މިހުރީ ބައެއް ފަރާތްތަކުން، މިފަދަ ނޭދެވޭ އަމަލުތަކެއް އެބަދޭ ކުރަމުން، ކަނބަލުން އެ ހިންގަވާފަދާއިރު އެފަދަ ދުއްތުރާތަކެއްވެސް ކުރެވެމުން އެބަދޭ. އެއީ ވަރަށް ނާތަހުޒީބީ ކަންތައްތަކެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން އެބަޖެހޭ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.

އެފަދަ ކަންކަމުން ސަލާމަތްވުމަށް ގިނަ ފަހަރަށް ދުވާރު ބޭނުން ނުކޮށް މަގުތައް މައްޗަށް ނުކުންނަ ނުކުތުމުން އިތުރު ނުރައްކަލަކަށް ކުރިމަތިވާ ކަމަށްވެސް ޒުހައިރު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ނަލަހެދިގެން މީރުވަސްދުވާ ސެންޓު ބޭނުންކުރި ނަމަވެސް މަގުތައް މަތީގައި ހުންނަ ކަންކަމުގެ ސަބަބުން ދާން ބޭނުންވާ ތަނަކަށް ތަޒާކަންމަތީ ދިއުން ދަތިކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ.

"ގިނަފަހަރަށް ދުވާރު މަތީން ހިނގާފައެއް ނުދާނެ. އަބަދުވެސް ފެނިފަ މިހުރީ މަގަށް ނުކުމެވޭތޯ. މަގަށް ނުކުތީމަ އިތުރު ނުރައްކަލަކަށް ދިއުން. ދެވަނަ ކަމަކީ ވަރަށް ރީތި ހެދުންލާފަ ސެންޓުޖަހާފަ ވަރަށް ރަނގަޅަށް މިދަނީ. ދާއިރު މިޖެހެނީ އެތަނުގަ ހުންނަ ކޮންމެވެސް ގަހެއްގަ ނޫނީ އެތަނުން ފެންތިއްކެއް. އެހެންނޫނީ ކޮންމެވެސް އެކަހަލަ ނުބައިވަހެއް ދުވާތަނަކަށް، ދިއުމުގެ ސަބަބުން އަޅުގަނޑުމެން ބޭނުންވާ، ޒީނަތްތެރިކަމާއެކު ދާން ޖެހޭ ތަނަކަށް ނުދެވިފަ މި އޮންނަނީ."އޭނާ ވިދާޅުވިއެވެ.

25 އޮކްޓޯބަރު 2025: ހުޅުމާލޭގެ މަގުތައްމަތީ ކެފޭ އަދި ޜެސްޓޯރަންޓުތަކުން ބަހައްޓާފައިވާ ގޮނޑި އަދި މޭޒުފަތަ ތަކެތި އެޗްޑީސީން ނަގަންފެށުން : ފޮޓޯ/ އެޗްޑީސީ

އެޗްޑީސީން ވަނީ މީގެ ކުރީންވެސް ވަނީ، ހުޅުމާލޭގެ ދުވާރުތައް މަތީ ކެފޭ ރެސްޓޯރަންޓުތަކުން ބަހައްޓާފައި ހުންނަ ގޮނޑި އަދި މޭޒުފަދަ ތަކެތި ނަގަން އަންގައިފައެވެ. ނަމަވެސް ވިޔަފާރި ކުރާ ފަރާތްތަކުން އެކަމަށް އެދެވޭ އަމަލީ ސިފައެއް ގެނެސްފައެއް ނުވެއެވެ. އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް، އިއްޔެއިން ފެށިގެން އެޗްޑީސީން ވަނީ ދުވާރުތައް މަތީ ހުންނަ ގޮނޑި އަދި މޭޒުފަދަ ތަކެތި ނަގަން ފަށައިފައެވެ.

ޒުހައިރު ވިދާޅުވީ ހިތްފަސޭހަ ހުޅުމާލެ ކެންޕެއިންގެ ދަށުން، މަގުތަކުގައި މީހުންނަށް އުނގަދޫވާ ގޮތަށް ހުންނަ ގަސްތައް ކޮށުމާއި ދުވާރުމަތީގައި ހުންނަ ގޮނޑިމޭޒުފަދަ ތަކެތި ނެގުމުގެ މަސައްކަތް ނިމުމުން ހުޅުމާލެއަކީ އެންމެންނަށްވެސް ހިތްފަސޭހަ ތަނަވަސް ތަނަކަށް ވެގެންދާނެ ކަމަށެވެ.

"މިކަންކުރެވޭނީ އެޗްޑީސީން އެކަންޏެއް ނޫން. ހުޅުމާލޭގައި ދިރިއުޅޭ އެންމެންވެސް އެއްބާރުލުން ދީގެން ކޮމިއުނިޓީ އެކައްޗެއް ކިޔައިގެން ކުރިޔަށްގެންދިއުމުން، ކަންތައްތައް ފަސޭހަވާނީ. ވަރަށް އަދަބުވެރިކަމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި އޭގެ އިތުރަށް ވިޔަފާރިކުރާ ފަރާތްތަކުންވެސް ބައިވެރިވެގެން ކުރިޔަށްގެންދިއުން ވަރަށް މުހިންމު." ޒުހައިޒު ވިދާޅުވިއެވެ.

މި ހަރަކާތުގައި ބައިވެރިވާ އެޗްޕީއޭގެ ބޭފުޅުންނަށާއި ޕޮލިހުންނަށް ޒާހިރު ޝުކުރުއަދާކުރެއްވި އެވެ.