ހިތްފަސޭހަ ހުޅުމާލެ ކެމްޕެއިނުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ބަހައްޓާފައި ހުންނަ ގޮނޑިއާއި މޭޒު، އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ހުޅުމާލޭގެ މަގުތަކުގެ ދުވާރުތަކުގައި ބަހައްޓާފައި ހުންނަ ގޮނޑިތަކާއި މޭޒުތަކުގެ ސަބަބުން ދުވާރުން ހިނގާ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމެވެ.
އޭގެ އިތުރުން، ހެޖުތަކުގެ (މަޖުތަކުގެ އެއްކައިރީ ގަސްއިންދާގޮތަށް ހުންނަ ޖާގަ) ތެރޭގައި އިންދާފައިވާ ބިޔަ ގަސްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ އެކަމަށް އެކަށީގެންވާ ހައްލެއް ގެނައުމެވެ.
ބާރަ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ދުވާރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ހަރަކާތް ކުރިއަށްގެންދަނީ އެޗްޑީސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.
މިއަދު އެޗްޑީސީން ފެށި ހިތްފަސޭހަ ހުޅުމާލެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ ހުޅުމާލެއަކީ ހިތްފަސޭހަ މާމެލާމެލީގެ ބަގީޗާތަކާއެކު އަރާމުގައި ހިނގޭނެ މަގުތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާ ކަމަށެވެ. އެ މަސައްކަތް ކުރެވޭނީ އެ ކުންފުނީގެ މުވައްޒަފުންނާއެކު ހުޅުމާލޭގެ ކޮމިއުނިޓީވެސް އެކައެއްޗެއް ކިޔައިގެން ކުރިއަށް ގެންދިއުމުން ކަމަށް ޒާހިރު ވިދާޅުވިއެވެ.
"ވިޔަފާރިކުރާ ފަރާތްތަކާއި އަދި އެެހެނިހެން ފަރާތްތައްވެސް، މަގުތަކަކީ ރަނގަޅު ތަނަކަށް ހަދަން މަސައްކަތްކޮށްގެން ކުރިއެރުން ލިބޭނީ،" ޒުހައިރު ވިދާޅުވިއެވެ.
އެޗްޑީސީން ކުރިއަށްގެންދާ "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން އެ ކުންފުނީގެ 50 މުވައްޒަފުން އެކި ގަޑިތަކުގައި މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އިތުރު މަސައްކަތްތަކެއް ވެސް މުސްތަގުބަލުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ އިރު، އޭގެ ތެރެއިން ފްލެޓުތަކުގެ ތެރޭގައި ބާވެ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފަށާފައިވަނީ ވެސް އެ ކެމްޕެއިންގެ ދަށުންނެވެ.
ހުޅުމާލެއަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި އަދި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްގައިމު އަދި ފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އެޗްޑީސީން ކުރިއަށްގެންދެއެވެ. އެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ