އައްޑޫ ސިޓީ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އެ ކައުންސިލުން ފޭދޫ ވަކިކޮށް އެ ރަށުގައި ވަކި ކައުންސިލެއް އުފެއްދުމަށް ބޭނުން ނުވާ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެފިއެވެ.

ފޭދޫގެ އަށް ފޮށި ވެސް މިހާރު ގުނައި ނިމިފައިވާ އިރު، ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1782 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 73.61 ޕަސަންޓު މީހުންނެވެ. އަދި ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ. އެއީ 25.40 ޕަސަންޓު މީހުންނެވެ.

ފޭދޫގެ ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މިއަދު ނެގި، ވޯޓުގައި ވޯޓުލުމުގެ ހައްގު 4،368 މީހުންނަށް ލިބުނެވެ.

ދެން ހިމެނޭ ހުޅުދޫ އާއި މީދޫގެ ރައްޔިތުން ވޯޓު ދިނީ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. ހުޅުދޫގެ ހަ ފޮށި ވެސް ގުނައި ނިމިފައިވާ އިރު، ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 720 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 67.29 ޕަސަންޓު މީހުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ. އެއީ 30.37 ޕަސަންޓު މީހުންނެވެ.

މީދޫގެ ހަތަރު ފޮށި ވެސް ގުނައި ނިމިފައިވާ އިރު، މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 841 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 83.93 ޕަސަންޓު މީހުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ. އެއީ 14.37 ޕަސަންޓު މީހުންނެވެ.

އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމަށް 9،721 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވެއެވެ. މާނައަކީ ވޯޓުލުމުގެ ހައްގު 9،721 މީހަކަށް ލިބިގެންވުމެވެ.

މި އިންތިހާބުގައި ވޯޓުލުމަށް މާލެއާއި އައްޑޫގެ ތިން ރަށެއްގައި ވަނީ ވޯޓު ފޮށި ބަހައްޓައިފައެވެ. އެގޮތުން ހުޅުދޫގައި ތިން ވޯޓު ފޮށި، މީދޫގައި ތިން ވޯޓު ފޮށި، ފޭދޫގައި ފަސް ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށު މީހުން ވޯޓުލުމަށް ހަތް ވޯޓު ފޮށި ބެހެއްޓިއެވެ. އެއީ ޖުމުލަ 18 ވޯޓު ފޮއްޓެވެ.

ރައީސް އޮފީހުން މިމަހުގެ 12 ވަނަ ދުވަހު ބުނެފައިވަނީ އައްޑޫ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ، އައްޑޫ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހިމެނޭ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިސްލާހުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ކަނޑައެޅުއްވީ، ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ކުރިން ނެރުއްވި ގަރާރު އިސްލާހުކުރެއްވުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު ނެރުއްވި ގަރާރުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ ގަރާރުގައިވާ ގޮތުގެ މަތީން ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ސުވާލުތަކެއް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ހުޅުދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު މީދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

އައްޑުއަތޮޅު ފޭދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާނީ މާދަމާއެވެ.