މ. މޮޑަންހައުސް / ޝަކީލާގެ މަރާ ގުޅިގެން ގއ. ވިލިނގިލި، ޝިމާޒް އަހުމަދުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހައިކޯޓުންވެސް ހުކުމްކޮށްފިއެވެ.
ދައުލަތުން ޝިމާޒްގެ މައްޗަށް މި ދައުވާކުރީ، 2010 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހު ސައިކަލެއްގައި، ބުރުޒު މަގުން އިރުން ހުޅަނގަށް އޭނާ ދުއްވާފައި ދިޔައިރު، ބުރުޒުމަގުގެ ހުޅަނގު ދެކުނު ކަންމަތީން ބުރުޒުމަގުގެ ހުޅަނގު އުތުރު ކަންމައްޗާ ދިމާލަށް، މާމަ ދަރިފުޅާއެކު މަގު ހުރަސްކުރަމުންދިޔަ މ. މޮޑަންހައުސް / ޝަކީލާގެ ގައިގައި ސައިކަލުން ޖެހި ހިނގި އެކްސިޑެންޓްގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް އޭނާ ނިޔާވި މައްސަލައިގައެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރީ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދައުވާއެވެ.
ނަމަވެސް އެއްވެސް މިންވަރެއްގެ ޝައްކެއްނެތި ގާނޫނާހިލާފަށް ނުރައްކާތެރިކޮށް ބާރަށް ސައިކަލް ދުއްވިކަން ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ކާފީ ހެކި ލިބިފައިނުވާތީ ޝިމާޒްގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ.
މި ދައުވާގައި ހުުކުމް ކޮށްފައިވަނީ، ދައުވާއަށް ޝިމާޒް އިންކާރުކޮށްފައިވާ އިރު، ސައިކަލް ބާރަށް ދުއްވިކަން ސާބިތުކުރުމުގެ ގޮތުން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލައިގެންނެވެ.
އެގޮތުން ހާދިސާ ހިނގި މަންޒަރު ދުށްކަމަށް ބުނާ ދެމީހުންގެ ހެކިބަހުން، ޝަކީލާގެ ގައިގައި ސައިކަލުން ޖެހުނުކަން އެނގެން އޮތްނަމަވެސް ގާނޫނުގައި ބަޔާންކުރާ މިންވަރަށްވުރެ ބާރަށް ދުއްވިކަމާމެދު މި ދެމީހުންގެ ހެކިބަހުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ވަނީ ފާހަަގަކޮށްފައެވެ.
ބާކީ ތިބި ހަތަރު މީހުންނާއި ޑޮކްޓަރުގެ ހެކިބަހަށް ރިއާޔަތްކުރާ އިރު، ޝިމާޒް ސައިކަލު ދުއްވި ބާރުމިނެއް، އަދި ހާދިސާ ހިނގައިދިޔަ މަންޒަރެއް އެމީހުންނަށް ފެނިފައިނުވާކަން އެ މީހުންގެ ހެކިބަހުން އެނގެން އޮވެއެވެ.
އަދި "ހާދިސާ ހިނގައިދިޔަ ފަހުން ޝަކީލާ ކާރެއްގައި އައިޖީއެމްއެޗްއަށް ގޮސް އެތާނގައި ކޮޅަށް ހުރިކަމާއި، ޝަކީލާއަށް ވަގުތުން ފަރުވާ ނުލިބި ލަސްތަކެއް ވެފައިވާކަމާއި، ޝިމާޒް ދުއްވަމުން ދިޔަ ސައިކަލްގެ ބުރަކި ޖައްސާފައިވާކަން އެނގެން އޮތުމުން އެކަމަކީ އެކްސިޑެންޓް ނުވުމަށްޓަކައި އޭނާގެ ފަރާތުން ކުރެވުނު އަމަލެއްކަން ބެލެވޭ އިރު، ޝަކީލާ ނިޔާވެފައިވަނީ ޝިމާޒު އަހުމަދު ދުއްވަމުން ދިޔަ ސައިކަލް ޝަކީލާގެ ގައިގައި ޖައްސައި އޭނާ މަރާލުމުގެ ނިޔަތުގައިކަން ނުވަތަ ޝިމާޒުގެ އިހުމާލުންކަން ފާޅުކަން ބޮޑުގޮތެއްގައި އޭނަގެ އަމަލުން އެނގެން ނެތްހިނދު، މަރުގެ ހާދިސާއެއްގައި ހުންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ރުކުންތައް މި މައްސަލައިގައި ފުރިހަމަވެފައި ނެތް،" ކުރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.
ނަމަވެސް އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށްބުނެ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ މައްސަަލަ ހައިކޯޓަށް ހުށަހެޅިއެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ އެ މައްސަލައިގައި ހެކި ގަރީނާއަށް ފުރިހަމައަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.
އެހެންކަމުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި، ކްރިމިނަލް ކޯޓުން ޝިމާޒްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށްދިނުމަށާއި، ޝިމާޒްގެ މައްޗަށް މި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އަދަބު ކަނޑައަޅައިދިނުމަށް ދައުލަތުން ހައިކޯޓުގައި އެދުމުންނެވެ.
އެއާއެކު ޕީޖީން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދިނުމަށްފަހު ކުރިމިނަލް ކޯޓުގެ ހުކުމްކަީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ޝިމާޒްގެ ފަރާތުން ހައިކޯޓުގައި އެދުނެވެ.
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ހުކުމްކުރީ، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބަބެއް ނެތް ކަމަށެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު