ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށުގެ ހަތަރު މީހުންނެވެ. އެއީ އެ ރަށު ކައުސަރު، ހަސަން ރައްޔާން ރާޝީދު (26އ)، ސޯސަންގެ، އިސްމާއިލް ހައިޒަމް ހަބީބު (22އ)، ޝަބްނަމްގެ، އަލީ ޖަނާހު ޖައުފަރު (25އ) އަދި ލީނާމަންޒިލް، އިބްރާހިމް އަޒާން މުހައްމަދު (19އ) އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން ކޯޓުން ވަނީ ހައިޒަމްގެ ބަންދަށް 12 ދުވަސް އަދި ބާކީ ތިބި މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.

ފުލުހުން ބުނީ އެ ހަަތަރު މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ކޮލަމާފުއްޓަށް ދިޔަ ލޯންޗެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އެއްޗެހިތަކެއް ފެނުނު މައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެ ލޯންޗު ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕެކެޓު އަދި ފިލްމު ހުސްކުޅި ދެދަޅު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން އެެކަކުގެ ހަށިގަނޑު ބަލައިފާސްކުރުމުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިން ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމު ހުރިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.