ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަންނަން ފައިސާ ދޫކުރާނެ ފަންޑެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގާއިމުކޮށްފިއެވެ.

އެމްއެމްއޭއިން އިއްޔެ ވަނީ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމާ ބެހޭ ގަވާއިދު" ގެޒެޓުކޮށްފައެވެ.

ގަވާއިދުގައިވާ ގޮތުން އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ މައިގަނޑު މަގުސަދަކީ، ގްރޭޓާ މާލެ ސަރަހައްދުގައި ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިން އަގުހެޔޮކޮށް ލިބޭނެ ގޮތް މަގުފަހިކޮށްދިނުމެވެ. އެއީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މަޝްރޫއެއް ކަމަށާއި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމާއި، އެ ސްކީމުގެ ފަންޑު ހިންގާނީ އެކަމަށް އެމްއެމްއޭއިން ކަނޑައަޅާ މާލީ އިދާރާއިން ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެމްއެމްއޭއިން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ކޮންމެ ބޭންކަކުންވެސް، އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން ދިހަ ޕަސަންޓާއި 15 ޕަސަންޓުގެ އަދަދެއް ފަންޑެއް ދޫކުރަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ފަންޑުން ދޫކުރަނީ ދެ ބާވަތުގެ ފައިނޭންސިން ފެސިލިޓީކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޓައިޕް އޭ ފައިނޭންސިން ފެސިލިޓީ: ލީސް އެންޑިން ވިތު އޯނާޝިޕް ފެސިލިޓީ

ޓައިޕް އޭ ފައިނޭންސިން ފެސިލިޓީގެ އާންމު ޝަރުތުތައް

  • އެމްއެމްއޭއިން އެހެން މިންވަރެއް ކަނޑަނާޅާހާ ހިނދަކު ލީސް އެންޑިން ވިތު އޯނަޝިޕް ފެސިލިޓީގެ ދަށުން، އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ ފަސް ޕަސަންޓު
  • ސްކީމް ހިންގާ އިދާރާއާއި ފައިނޭންސިން ފެސިލިޓީ ނަގާ ފަރާތާ ދެމެދު ވެވޭ، ލީސް އެންޑިން ވިތު އޯނާޝިޕް ފެސިލިޓީގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ކުލި ދައްކައި ނިމުމުން، އެ ފެސިލިޓީގެ ދަށުން ނަގައިފައިވާތަނުގެ މިލްކުވެރިކަން، ފެސިލިޓީ ނެގި ފަރާތުގެ ނަމުގެ މައްޗަށް ބަދަލުކުރެވޭނެ

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޓައިޕް އޭ ފައިނޭންސިން ފެސިލިޓީ ނަގާ ފަރާތުން އެއްވެސް އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެެއެވެ. ފަންޑުން ދޫކުރާ ޓައިޕް އޭ ފައިނޭންސިން ފެސިލިޓީ ނަގާ ފަރާތުން، އެ ފެސިލިޓީއަށް ސެކިއުރިޓީ ޑިޕޮސިޓް، އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތީން ބަހައްޓަން ޖެހިދާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައެވެ.

ޓައިޕް ބީ ފައިނޭންސިން ފެސިލިޓީ: އެންޑް - ޔޫޒާ ފައިނޭންސިން ފެސިލިޓީ

ފަންޑުން ދޫކުރާނެ ޓައިޕް ބީ ފައިނޭންސިން ފެސިލިޓީގެ އާންމު ޝަރުތުތައް:

  • އެމްއެމްއޭއިން އެހެން މިންވަރެއް ކަނޑަނާޅާހާ ހިނދަކު ޓައިޕް ބީ ފައިނޭންސިން ފެސިލިޓީގެ ދަށުން، އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ ހަ ޕަސަންޓު
  • ޓައިޕް ބީ ފައިނޭންސިން ފެސިލިޓީ ނަގާ ފަރާތުން، އިކުއިޓީގެ ގޮތުގައި އެ ފެސިލިޓީގެ އަދަދުގެ ފަސް ޕަސަންޓު ބަހައްްޓަންވާނެ

ފަންޑުން ދޫކުރާ ޓައިޕް ބީ ފައިނޭންސިން ފެސިލިޓީއަކުން ގަންނަ ތަނުގެ އިތުރުން، އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް، ފެސިލިޓީ ނަގާ ފަރާތުން ބަހައްޓާކަށްނުޖެހޭނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނެ ކަންކަމާއި އާންމު ޝަރުތުތައް:

ފަންޑުން ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނީ ގެދޮރުވެރިކަމުގެ މިލްކުވެރި ކަންނެތް ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ އަދި އޮތޯރިޓީން ކަނޑައަޅާ އިތުރު ޝަރުތުތައް ފުރިހަމަވާ މީހަކަށްކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

ފަންޑުން ފައިނޭންސިން ފެސިލިޓީ ދޫކުރާނެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ފައިނޭންސިން ފެސިލިޓީ ލިބުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި ކަންކަން އޮތޯރިޓީން ކަނޑައަޅާ އާންމުކުރާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ސްކީމް ހިންގާ އިދާރާގެ މަސްއޫލިއްޔަތުތައް:

އެމްއެމްއޭއިން ކަނޑައަޅާ އުސޫލުތަކާއި ޝަރުތުތަކާއި ޕްރޫޑެންޝަލް މިންގަނޑުތަކާ އެއްގޮތްވާ ގޮތަށް، ފަންޑުން ފައިނޭންސިން ފެސިލިޓީ ދޫކުރުމާއި، ފައިނޭންސިން ފެސިލިޓީގެ ރީޕޭމަންޓް ފައިސާ ބަލައިގަތުމުގެ ކަންކަން ސްކީމް ހިންގާ އިދާރާއަކުން ކުރަންޖެހޭނެކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ފަންޑުން ދޫކުރާ ފައިނޭންސިން ފެސިލިޓީގެ ރީޕޭމަންޓް ނުދައްކާ ފަރާތްތަކުގެ ކިބައިން ފައިސާ ހޯދުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެ ފައިސާ ހޯދުމުގެ މަސައްކަތް ސްކީމް ހިންގާ ފަރާތަކުން ކުރަންޖެހޭނެއެވެ.

އަދި ފަންޑުން ދޫކުރާ ފައިނޭންސިން ފެސިލިޓީން ލިބޭ ފައިދާ، ބޭންކުތަކަށް ދިނުމުގެ މަސައްކަތާއި ފަންޑަށް ބޭންކުތަކުން ޖަމާކުރި އަދަދާއި ފަންޑުން ދޫކުރެވުނު ފައިނޭންސިން ފެސިލިޓީގެ ރިކޯޑުތަކާއި އެކައުންޓްތައް ހިމެނޭ ގޮތުން އެކަށީގެންވާ ގޮތަށް ފަންޑުގެ އެކައުންޓްތަކާއި ރިކޯޑުތައް ސްކީމް ހިންގާ އިދާރާއަކުން ކުރަންވާނެ ކަމަށެވެ.

ކޮންމެ މީލާދީ އަހަރެއް ނިމުމުން، ފަންޑުގެ އެ އަހަރެއްގެ އަހަރީ މާލީ ހިސާބުތައް، ސްކީމް ހިންގާ އިދާރާއިން ތައްޔާރުކޮށް، ފަންޑުތައް އޮޑިޓްކުރުމުގެ ރޮނގުން ތަޖުރިބާ ލިބިފައިވާ އަދި ގާބިލު އެކްސްޓާނަލް އޮޑިޓަރެއް ލައްވައި އޮޑިޓްކުރުވަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮންމެ މީލާދީ އަހަރެއް ނިމޭތާ ހަތަރު މަސްދުވަހުގެ ތެރޭގައި، ފަންޑުގެ އެ އަހަރެއްގެ އޮޑިޓްކޮށްފައިވާ އަހަރީ މާލީ ހިސާބުތަކާއި އޮޑިޓް ރިޕޯޓު، ހުރިހާ ބޭންކުތަކަށާއި އެމްއެމްއަށް ސްކީމް ހިންގާ އިދާރާއިން ހުށަހަޅަންޖެހޭނެކަމަށްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.