މިއަހަރުގެ ދެވަނަ ކުއާޓަރުގައި ތަކެތީގެ އަގު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓާ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން ރޭޓޫ ހުރީ 5.3 ޕަސަންޓުގައެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އިންފްލޭޝަން ރޭޓު ވަނީ 4.6 ޕަސަންޓަށް ދަށްވެފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އިންފްލޭޝަން ރޭޓު ދަށްވި ސަބަބެއް ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް މަޑުޖެހިފައިވުމެވެ.

ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ ރަނގަޅު އިގުތިސޯދީ ކުރިއެރުމެއް ދެވަނަ ކުއާޓަރުގައި ލިބިފައިވެއެވެ. ދެވަނަ ކުއާޓަރުގައި އިގުތިސޯދަށް ކުރިއެރުން ލިބުނީ ދެވަނަ ކުއާޓަރުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އިމާރަތް ކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބުމުގެ ސަބަބުންނެވެ.

ދެވަނަ ކުއާޓަރުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 475,708 އަށް އަރާފައިވާއިރު އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16 ޕަސަންޓުގެ އިތުރުވުމެކެވެ.

އަދި ދެވަނަ ކުއާޓަރުގައި ސަރުކާރުގެ މާލީ ހާލަތުވެސް ރަނގަޅުވެފައިވަކަން ފާހަގަކޮށް އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ޖުމުލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، އޭގެ ތެރޭގައި ހިލޭ އެހީ ނުހިމެނޭ ކަމަށެވެ. ޖުމުލަ ހަރަދު، ލޯނު އަނބުރާ ދެއްކުން ނުހިމަނާ ވަނީ 1.6 ބިލިއަން ރުފިޔާއަށް ދަށްވެފައި ކަމަށް ރިޕޯޓުގައި ބުންޏެވެ.

ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 50 ޕަސަންޓު ގައި ހިފެހެއްޓިފައިވާ އިރު، ލޯނު ދޫކޮށްފައިވާ އަދަދު ކުރިއަރާ މިންވަރު ވަނީ އެއްހަމައެއްގައި ހިފެހެއްޓިފައި ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރަސްމީ ރިޒާވް 832.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަމަށްވެސް ރިޕޯޓުގައި ބުންޏެވެ. މިއީ އިންޑިއާގެ ރިޒާވް ބޭންކުން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން އިތުރުވި އިތުރުވުމެއްކަމަށް ރިޕޯޓުގައި ބުންޏެވެ.