ކުރިން ލިވަޕޫލާއި ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދިން ރަފޭލް ބެނިޓޭޒް، ޕެނަތޮނައިކޮސްގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
ބެނިޓޭޒް މަގާމާ ހަވާލުވީ ކުރިން ޕެނަތޮނައިކޮސްގެ ކޯޗުކަމުގައި ހުރި ކްރިސްޓޯސް ކޮންޓީސްގެ ބަދަލުގައެވެ. އެ ކްލަބުން ކުރީގެ ކޯޗު މަގާމުން ވަކިކުރީ ޔޫރޮޕާ ލީގުގައި ފެޔެނޫޑް ކައިރިންވި ބައްޔާއެކުގައެވެ.
ގްރީސްގެ ޕެނަތޮނައިކޮސްއިން ބުނީ އެ ކްލަބާއެކު ބެނިޓޭޒް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ. ޕެނަތޮނައިކޮސްއާ ހަވާލުވުމުގެ ކުރިން ބެނިޓޭޒް އެންމެފަހުން ކޯޗުކަން ކޮށްދީފައި ވަނީ ސްޕެއިންގެ ސެލްޓާ ވީގޯއަށެވެ. އެ ކްލަބާއެކު އެންމެ އަށް މަސް ހޭދަކުރިތަނާ، އޭނާ މަގާމުން ވަކިކުރިއެވެ.
ހަބަރުތައް ބުނީ ޕެނަތޮނައިކޮސްއާއެކު ބެނިޓޭޒް އެއްބަސްވެފައި ވަނީ ދެ އަހަރުފަހުން ކްލަބުން ބޭނުންވާނަމަ، އެއް އަހަރަށް އިތުރުކުރެވޭ ގޮތަށް ކަމަށެވެ. އަދި އެއްބަސްވުމުގައި ވާ ގޮތުން، ސީޒަނެއްގެ މައްޗަށް ބެނިޓޭޒްއަށްއަށް 4.66 މިލިއަން ޑޮލަރު ޖެހޭނެ ކަމަށް ނޫސްތައް ޔަގީން ކޮށްދެއެވެ. އެއީ މިހާތަނަށް ގްރީސް ލީގުގައި ކޯޗަކަށް ކަނޑައެޅި އެންމެ ބޮޑު މުސާރައެވެ.
ބެނިޓޭޒްއަކީ ޔޫރަޕްގައި މަގުބޫލު ކޯޗެކެވެ. އޭނާ ވަނީ 2005 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ލިވަޕޫލަށް ހޯދައިދީފައެވެ. އޭގެފަހުން ޗެލްސީއާއެކު ޔޫރޮޕާ ލީގު ކާމިޔާބުކުރި އިރު، އޭނާ ވަނީ ވެލެންސިއާ، އިންޓަ މިލާން އަދި ނަޕޯލީއާއެކު ޑޮމެސްޓިކް ތަށިތައް ހޯދައިފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު