މިވަގުތު ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ކުޅެމުންދާ މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް، މާކަސް ރަޝްފޯޑު، ޓްރާންސްފާ ދާއިމީކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ރަޝްފޯޑް މި ސީޒަނުގެ ކުރިން ބާސާއަށް ދިޔުމުގެ ކުރިން، އޭނާއަކީ ކެރިއަރުގައި ވީ ހުރިހާ ދުވަހެއް އިނގިރޭސިވިލާތުގައި ހޭދަކުރި ކުޅުންތެރިއެކެވެ. އޭނާ ޔުނައިޓެޑުން ބާސާއަށް ބަދަލުވީ މުސާރަވެސް ދަށްކޮށްގެންނެވެ.

ސީޒަނުގެ ނިޔަލަށް ރަޝްފޯޑު ބާސާއަށް ބަދަލުވެ، ސޮއިކުރި އެއްބަސްވުމުގައި ވާ ގޮތުން، މި ސީޒަން ނިމުމުން ބާސާ ބޭނުންވާނަމަ، 30 މިލިއަން ޔޫރޯއަށް އޭނާ ދާއިމީކޮށް ގަނެވޭނެއެވެ.

ރަޝްފޯޑު ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2028 އަހަރު ޖޫން މަހާ ހަމައަށް ނަމަވެސް އޭނާގެ ވިސްނުން މިހާރު ހުރީ އަނބުރާ އެ ކްލަބަށް ދާ ގޮތަކަށް ނޫނެވެ.

"އަހަރެން މިވަގުތަށް ބޭނުންވަނީ ބާސާގައި މަޑުކުރަން. އަހަރެން މިހާރު މިހުރީ ވަރަށް ހިތްހަމަ ޖެހިގެން. ފުޓުބޯޅައަށް ލޯބިކުރާ އެއްވެސް ކުޅުންތެރިޔަކު މި ކްލަބުގައި މަޑުކުރަން ބޭނުން ނުވެއެއްވެސް ނުދާނެ. މިއީ ތާރީހީ ބޮޑު ކްލަބެއް. ފުޓުބޯޅަ ތާރީހުގައި މުހިއްމު ކްލަބެއް،" މެންޗެސްޓާއަށް އުފަން ރަޝްފޯޑު ބުންޏެވެ.

މި ސީޒަނުގައި ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ރަޝްފޯޑު ވަނީ މިހާތަނަށް ކުޅުނު 12 މެޗުގައި ފަސް ގޯލް ޖަހައި، ހަ އެސިސްޓްވެސް ފުރިހަމަ ކޮށްދީފައެވެ.

އުމުރުން 27 އަހަރުގެ ރަޝްފޯޑުގެ ހަޔާތުގެ 23 އަހަރު އޭނާ ހޭދަކޮށްފައި ވަނީ މެންޗެސްޓާގައެވެ.