އައްޑޫ ސިޓީގައި މަރުވި ދެމަފިރިންގެ ހަށިގަނޑު، އާއިލާއާ ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ބުދަ ދުވަހު މަރުވެފައި އޮއްވައި ފެނުނީ އެ ދެމަފިރިން ދިރިއުޅޭ ގޭގެ ތެރެއިންނެވެ. އެ ދެމީހުންނަކީ ސ. ހިތަދޫ، ކުރޭނގެ، އިބްރާހިމް އަބްދުﷲ (60އ) އާއި ސ. މަރަދޫ، ނާރެސް، ފަރަހަނާޒް ރަޝީދު (52އ) އެވެ.
އެ ދުވަހު ފުލުހުން ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ބެލި ބެލުމުން ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ. ނަމަވެސް ބަލަން ޖެހޭ ކަންކަން ބެލުމަށް، އެ ދުވަހުން ފެށިގެން އެ ދެ މީހުންގެ ހަށިގަނޑު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ސާމްޕަލް ނަގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެމީހުންގެ ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އާއިލާއާ އެމީހުންގެ ހަށިގަނޑު ހަވާލުކުރުމުން އެމީހުންގެ ކަށުނަމާދު މިއަދު ހުކުރު ނަމާދަށްފަހު ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން އިބްރާހިމް އަބްދުﷲގެ ކަށުނަމާދު އޭނާގެ އުފަން ރަށް ހިތަދޫގެ މަސްޖިދުއްތަގުވާގައި ކުރުމަށް ހަމަޖެހިފައިވާ އިރު، ފަރަހަނާޒް ރަޝީދުގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އޭނާގެ އުފަން ރަށް މަރަދޫގެ މަސްޖިދުލް އިހުލާސްގައެވެ.
އައްޑޫން ވާހަކަދެއްކި މީހަކު "ވަން"އަށް މިއަދު ކިޔައިދިން ގޮތުގައި އެމީހުން މަރުވީ ކަރަންޓުގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ވާހަކަތައް ފެތުރިފައިވެއެވެ. ގެ ހެދުމަށްފަހު ކަރަންޓުގެ މަސައްކަތް މުޅިން ނުނިމޭތީ، އެ ގެއަށް ކަރަންޓުދެނީ އަމިއްލަ ޖަނަރޭޓަރަކުން ކަމަށް އޭނާ ބުންޏެވެ.
އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫ ސިޓީ