އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު އައްޑޫ ސިޓީގެ، ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝަންގްރިއްލާ ބަންދުކޮށްފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުއެވެ. ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުންދިޔަ ރިސޯޓެކެވެ.

މިނިސްޓަރު ތޯރިގު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަންގްރިއްލާ ގްރޫޕުގެ އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓުގެ ވެރިޔާ ކްރިސް ފޮންގް އާއި އައްޑޫގައި ހުޅުވާ ޝަންގްރިއްލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހާވް ޑުބޯސްކްއާއެކު ބޭއްވި ބައްދަލުވުމެއްގެ ފޮޓޯއެއް ހިއްސާކުރައްވައިފައެވެ.

މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވީ ޝަންގްރިއްލާ ރިސޯޓު ޑިސެމްބަރު ފަހުކޮޅު ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. އެ ރިސޯޓުގައި 60 ވޯޓާ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި ދެ ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ.

ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުކެވެ.