އުމުރުން 45 އަހަރުގެ މަޝްހޫރު ރިއަލިޓީ ޓީވީ ތަރި، ފަންނާނު އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަންއަށް ސިކުނޑީގެ ނާރު ފުޅާވުމުގެ ބައްޔެއް ކަމަށްވާ "ބްރެއިން އެނިއުރިޒަމް" ޖެހިފައިވާކަމަށް ބުނެފިއެވެ.
މި ބަލި ޖެހުމުގެ ސަބަބަކީ ކުރީގެ ފިރިމީހާ ކަންޔޭ ވެސްޓާ ވަކިވުމުން ކުރިމަތިވި ސްޓްރެސް ކަމަށް ޑޮކްޓަރުން ބުނިކަމަށް އޭނާ ބުނެފައިވެއެވެ. މިކަން އޭނާ އާންމުކުރީ އޮކްޓޯބަރު 22 ގައި ޕްރިމިއާ ކުރި "ދި ކާޑޭޝިއަންސް" ގެ ސީޒަން 7 ގެ ފުރަތަމަ އެޕިސޯޑުގައެވެ.
ކިމްގެ މި އިއުލާނާ ގުޅިގެން، އެމެރިކާގެ އޮހައިއޯގެ ނިއުރޯސާޖަން ޑރ. ބްރައަން ހޯފްލިންގަރ އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ މި ބަލީގެ ތަފްސީލު ކިޔައިދީފައެވެ. ޑރ. ހޯފްލިންގަރ ބުނި ގޮތުގައި، އެނިއުރިޒަމަކީ ސިކުނޑީގައިވާ ލޭހޮޅިއެއް ނިކަމެތިވެ ނުވަތަ ފުޅާވެ، އެތެރެއަށް ލޭ ފުރިގެން އުފެދޭ ކަމެކެވެ. އެމެރިކާގައި ކޮންމެ 50 މީހުންގެ ތެރެއިން އެކަކަށް މި ބަލި ޖެހޭކަމަށް އޭނާ ބުންޏެވެ.
ޑރ. ހޯފްލިންގަރ އިތުރަށް ބުނީ، ފަޅައިގެން ނުދާ އެނިއުރިޒަމްތަކަށް ވަގުތުން ފަރުވާ ދިނުމުގެ ބޭނުމެއް ނޯވެއެވެ. އެއީ އެ އެނިއުރިޒަމްތައް ކޮންމެ އަހަރަކު ފަޅައިގެން ދިއުމުގެ ފުރުސަތު ދަށްވުމުންނެވެ. ނަމަވެސް އެނިއުރިޒަމެއް ފަޅައިގެން ދިޔުމުން ދިމާވާ ނުރައްކާތައް ވަރަށް ބޮޑުކަމަށާއި، މަރުވާ މީހުންގެ އަދަދު ގިނަވެ، ނާރުގެ ނިޒާމަށް ލޮޅުން އަރައި، ބައެއް ގުނަވަންތަކުގެ މަސައްކަތް ހުއްޓޭ ކަހަލަ ބޮޑެތި މައްސަލަތައްވެސް ދިމާވާ ކަމަށް ޑރ. ހޯފްލިންގަރ ބުންޏެވެ.
ޑރ. ހޯފްލިންގަރ އެނިއުރިޒަމް ޖެހުމުގެ ނުރައްކާ އިތުރުކުރާ އެހެން ބައެއް ކަންތައްތައްވެސް ފާހަގަކުރިއެވެ. އޭގެ ތެރޭގައި ޖެނެޓިކް ސަބަބުތަކާއި، ލޭގެ ޕްރެޝަރު މަތިވުން، އަދި މަސްތުވާތަކެތި ބޭނުންކުރުން ހިމެނެއެވެ. ސްޓްރެސްއަކީ ލޭގެ ޕްރެޝަރު މަތިކޮށްފިނަމަ، އެނިއުރިޒަމް ޖެހުމަށް މަގުފަހިކުރާ އެއް ސަބަބު ކަމަށް އޭނާ ފާހަގަކުރިއެވެ.
ކިމްގެ ސިއްހީ މި މައްސަލައާ ގުޅިގެން ޑޮކްޓަރު އާންމުންނާ ހިއްސާކުރި ސްޓްރެސް ކޮންޓްރޯލްކުރުމާއި، ލޭހޮޅިތަކުގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. ނިދުމަށް އިސްކަންދިނުމާއި، ދުވަހުގެ ޚިޔާލުތައް ލިޔުމާއި، ކާނާއަށް ސަމާލުވުން ފަދަ ސްޓްރެސް ކުޑަކުރާނެ ބައެއް ކަންތައްތަކަށް ސަމާލުވުން ވަރަށް މުހިއްމެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު