އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިމަސް ނިމުމުގެ ކުރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ ބަޖެޓް މަޖިލީހަށް ހުށަހަޅަން ވާން ޖެހޭ ތައްޔާރީތައް ވެފައިވާކަމަށެވެ.

މޫސާ ޒަމީރު ވިދާޅުވީ، ބަޖެޓު ތައްޔާރުކުރުމަށްޓަކައި ހުރިހާ މައުލޫމާތެއް އެއްކޮށް، ފުރަތަމަ ޑްރާފްޓް ތައްޔާރުކުރުމަށްފަހު އަންނަ އަހަރު ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.

މީގެ ތެރޭގައި ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އަންނަ އަހަރަށް އިއުލާން ކުރައްވާ މަޝްރޫއުތައް ވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގާނޫނުގައިވާ ގޮތަށް މިމަސް ނިމުމުގެ ކުރީން ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބަޖެޓު ފައިނޭންސް ކުރާނެ ގޮތް ހާމަކުރައްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ބަޖެޓު އެކުލަވައިލަނީ ރާއްޖޭގެ އާމްދަނީއަށް ބަލައިގެން ކަމަށެވެ. އޭގެ އިތުރުން، ބައެއް ޕްރޮޖެކްޓްތަކަށް ސަޕްލަޔަރ ކްރެޑިޓްގެ ބަދަލުގައި ކޮންޓްރެކްޓަރ ފައިނޭންސިން މެދުވެރިކޮށް އަދި ހިލޭ އެހީއާއި، މަލްޓިލެޓްރަލް އެޖެންސީތަކުން ލިބޭ ލޯނުގެ އިތުރުން ބޭރުގެ ގައުމުތަކުން ލިބޭނެ އެހީތަކާއެކު ފަންޑުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.