މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިސާޗު ފަންޑުގެ ދަށުން ރިސާޗް ޕްރޮޕޯސަލްތަކަށް ހުޅުވާލައި، އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ކޮލަބޮރޭޓިވް ރިސާޗް ގްރާންޓް އަދި ފޮތް ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެމްއެމްއޭއިން މިއަދު ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން މިއަދު ބުނީ އެ ރިސާޗުގެ މަގުސަދަކީ ރާއްޖެއަށް ދިމާވާ އިގުތިސާދީ މާލީ އަދި ތަރައްގީގެ މައްސަލަތައް ތަހުލީލީ ނަޒަރަކުން ދެނެގަތުން ކަމަށެވެ. އަދި އެ މައްސަލަތަކަށް އިޖާދީ ހައްލުތައް ހޯދުމަށް މަގުފަހިކުރުންކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރިސާޗު ފަންޑު މެދުވެރިކޮށް ގައުމުގެ އިގުތިސާދީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި އެކަޑަމިކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ދިރާސާކުރާ ފަރާތްތައް އެކުއެކީގައި މާލީ އަދި އިގުތިސާދީ މައްސަލަތަކަށް ހައްލު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އަމާޒެއްކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ ފަންޑަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންނަށާއި ތައުލީމީ ދާއިރާގެ ފަރާތްތައް، ތިންކް ޓޭންކްތައް އަދި އެމްއެމްއޭގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ރިސާޗަރުންނަށްކަމަށް އެމްއެމްއޭއިން ބުންޏެވެ. އެމްއެމްއޭއިން ބުނީ ރިސާޗަށް އެދި ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓާ ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮންނަ ފަރާތަކަށްވާން ޖެހޭނެ ކަމަށެވެ. ހަމައެއާއެކު އެމްއެމްއޭއިން ބުނީ ޕީއެޗްޑީ އޮންނަ ފަރާތްތަކުން އެ ރިސާޗަށް ކުރިމަތިލުމަށް ބާރުއަޅާ ކަމަށެވެ.
ރިސާޗު ފަންޑަށް ހުޅުވާލާފައިވަނީ މެކްރޯ އިކޮނޮމިކް ސްޓެބިލިޓީއާއި، މަނިޓަރީ ޕޮލިސީ، މާލީ ދާއިރާގެ ދެމެހެއްޓެނިވިކަމާއި، މޫސުމާއި ދެމެހެއްޓެނިވި ތަރައްގީއާއި، ޑިޖިޓަލް ފައިނޭންސް އަދި އިންކްލޫޝަންއާއި، އިސްލާމިކް ފައިނޭންސާއި، ތައުލީމީ ދާއިރާއާއި ވަޒީފާގެ ބާޒާރުގެ ދާއިރާއަށްކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ މި މަހުގެ ނިޔަލަށް [email protected] މެދުވެރިކޮށް ރިސާޗް ފަންޑަށް ކުރިމަތިލެވެން ހުންނާނެ ކަމަށެވެ.
ރިސާޗު ފަންޑަށް ކުރިމަތިލައިގެން ހޮވޭ ޕްރޮޕޯސަލްތަކުގެ ދިރާސާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން އެމްއެމްއޭގެ ފަރާތުން ލިބިގެންދާނެކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި ރިސާޗަށް ބޭނުންވާ އިތުރު އެހީތެރިކަންވެސް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ