ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފެށިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގަމަށް އިއްޔެ ވަޑައިގެން ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އާރްޓީއެލް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން ހިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި އެ ހިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ކުރަމުން އަންނަނީ އަތޮޅުތަކަށް ފޮނުވަން ޖެހޭ ލޯންޗު ފެރީ ފޮނުވުމުގެ މަސައްކަތްތައް ކަމަށެވެ.
"އެހެންވީމަ އާރްޓީއެލްގެ ހިދުމަތަށް އިންތިޒާރު ކުރައްވާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެކަން އެގޮތުގައޭ ހިނގަނީ ގާތްގަނޑަކަށް ފެބްރުއަރީ މާޗާ ހިސާބަށް ދާއިރު މި އަތޮޅަށްވެސް އަދި ދެން ހިދުމަތް ނުފެށި ހުރި އަތޮޅުތަކަށްވެސް އެއޮތީ އެކަން ފެށޭގޮތް ވެފައި، އެކަން އެގޮތަށް ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އަތޮޅު ތެރޭ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ފެރީގެ ނިޒާމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކަމަށެވެ.
އެހެންކަމުން އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމުގެ ކުރިން ކޮންމެ އަތޮޅެއްގައިވެސް ދަތުރުކުރާ ރޫޓުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ހާއްސަ ޕްރޮގްރާމެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ހިންގަނީ އެމްޓީސީސީންނެވެ. އާރުޓީއެލް ފެރީ މަޝްރޫއަކީ މުޅި ރާއްޖޭގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑައަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކުރުމާއި އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ފައިދާ ހުރި ނިޒާމެއް ގާއިމުކުރުމެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު