ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް މިއަދު އިސްތިއުފާދެއްވައިފި އެވެ.

ސަރުވަޝް އިސްތިއުފާދެއްވިއިރު، މިދިޔަ އާދިއްތަ ދުވަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށް ފާސްކޮށްފައެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުވަޝް ވިދާޅުވީ، އެ މަގާމުން އިސްތިއުފާ ދެއްވީ ބޮންޑުގެ މައްސަލައިގައި ކަމަށެވެ.

"އެމްއެމްއޭން ފައިނޭންސް ކުރާ ބޮންޑް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން އަޅުގަނޑު ޕެންޝަން ބޯޑުން އިސްތިއުފާ ދީފީން،" ސަރުވަޝް ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވީ އެ ބޮންޑު ގަތުމުގެ މުއާމަލާތަކީ ގާނޫނީ އަދި އިގްތިސޯދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށާއި މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާއި ނަޒާހަތްތެރިކަން އަދި މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

ސަރުވަޝް ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަނުކުރެއްވީ، މީގެ ހަތް މަސް ކުރިން ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ މެންބަރުގެ ގޮތުގައެވެ.