އަރަބިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޝެއިހު ނަސްރުﷲ މުސްތަފާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް، ދައުލަތުން ކުރާ ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.
ދައުލަތުން، ނަސްރުﷲ މައްޗަށް ކޮށްފައިވަނީ އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި އަނބިދަރީންނަށް އަޅައިނުލުމުގެ ދައުވާއެވެ. ކުރިމިނަލް ކޯޓުންވަނީ އެ ދައުވާތަށއް ނަސްރުﷲ މައްޗަށް ސާބިތު ނުވާކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް، ދައުލަތުގެ ފަރާތުންވަނީ 2023 މާޗު ފަސްވަނަ ދުވަހު އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް މި އަހަރުގެ އޮގަސްޓުމަހުގެ ފަސްވަނަ ދުވަހު ދައުލަތުން ވަނީ އެ މައްސަލަ އަނބުރާ ގެންދަން އެދި ހައިކޯޓަށް ސިޓީއެއް ފޮނުވައިފައެވެ.
އެހެންވެ ހައިކޯޓުން އިއްޔެ ވަނީ އެ މައްސަލައިގައި ގޮތެއް ކަނޑައަޅައިފައެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެެހެއްޓެވި ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވީ، ދައުލަތުގެ ފަރާތުން ހައިކޯޓަށް ފޮނުވި ސިޓީގައި، ކުރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފަށް ހުށަހެޅިފަހުން، ދައުލަތުގެ ފަރާތުން، ކުރިމިނަލް ކޯޓުގެ ހުކުމް މުރާޖާއާކޮށް ބެލިއިރު، މައްސަލައިގެ ހާދިސާ ހިނގައިދިޔަފަހުން ނުވަ އަހަރު ފާއިތުވެފައިވާތީ، މި މައްސަލައިގައި ހައިކޯޓު ކުރިމަތީގައި ގާނޫނީ ހައްލެއް ބޭނުންވާ ސަބަބެއް ނެތްކަމަށް ބަޔާންކޮށްފައިވާާ ކަމަށެވެ.
މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވާކަމަށް އަނިޔާ ލިބުނު މީހުންގެ ފަރާތުން ޕީޖީ އޮފީހަށް މައުލޫމާތު ދީފައިވާކަމަށް އެ ސިޓީގައި ދައުލަތުން ބަޔާންކޮށްފައިވާކަމަށް ފަނޑިޔާރު ދީބާނާޒް ވިދާޅުވިއެވެ.
މި މައްސަލަ ކުރިއަށް ގެންދަން ދައުލަތުގެ ފަރާތުން ބޭނުން ނުވާތީ ހައިކޯޓުގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބާތިލުކޮށްދިނުމަށް ދައުލަތުން ސިޓީގައި އެދިފައިވާ ކަމަށް ފަނޑިޔާރު ދީބާނާޒް ވިދާޅުވިއެވެ.
މި މައްސަލައިގެ ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ ތާއީދާއެކު އިއްތިފާގުން މި މައްސަލައިގެ ގޮތެއް ނިންމި ރިޕޯޓުގައި ފަނޑިޔާރު ދީބާނާޒް ވިދާޅުވީ ދައުލަތުން އެދިފައިވާ ގޮތަށް ރިއާޔަތްކޮށް އަދި ހައިކޯޓުގެ ގަވާއިދުގެ ދަށުން މި މައްސަލަ ބާތިލުކޮށްފިން ކަމަށެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް