ލ. ގަމުގައި 100 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި 100 ހައުސިން ޔުނިޓު މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރަށް ވެސް ބަޖެޓު ހަދާ އިރުގައި އެންމެ އިސްކަމެއް ދެނީ އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ކަމަށާއި އެޗްޑީސީއާ ހަވާލުކުރި މަޝްރޫއުގެ އިތުރުން ވެސް، އިތުރު 100 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

"ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ މި ހަވާލުކުރި 100 ހައުސިން ޔުނިޓު އެޅުމުގެ އިތުރަށް މިއަހަރުގެ ތެރޭގައި އަދި އިތުރު 100 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށްޓަކައި ވަރަށް އަވަހަށް އަޅުގަނޑުމެން އެހެން ފަރާތަކާ ސޮއިކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އެބަ ކުރިއަށްގެންދޭ. އެ ސޮއިކުރެވުނުހާ އަވަހަކަށް ހަމަ މިއަހަރުގެ ތެރޭގައި އިތުރު 100 ހައުސިން ޔުނިޓު ވެސް މި ރަށުގައި އެޅުމުގެ މަސައްކަތް ފެށޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު ގަމުގައި އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ޔުނިޓުތައް ހާއްސަކުރާނީ ގަމުގެ ރައްޔިތުންނަށް ކަމަށާއި ރަށުން ބޭރުން މީހުން ބަދަލުކުރުމަށް އެ ހައުސިން ޔުނިޓުތައް ބޭނުން ނުކުރާނެ ކަމަށެވެ.

ރައީސް ވައުދުވެވަޑައިގެންފައިވަނީ ގަމުގައި 500 ހައުސިން ޔުނިޓު ހެދުމަށެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ހައުސިން ޔުނިޓުތަައް ހެދުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން މިރޭގެ ޖަލްސާގައި ރައީސް ދެއްވިއެވެ.