ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވިކްޓްރީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) ހެޓްރިކް ފުރިހަމަކޮށްފައިވާ އިރު، އެޓީމުން ވިކްޓްރީ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
ލީގުގެ ހަތަރުވަނަ ހަފުތާގެ ކުޅުން ނިމިފައިވާ އިރު، ނިއު ރޭޑިއަންޓް އެއްވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ނިއުއަށް އެއްވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އެއީ ފައިދާ އެއް ގޯލްގެ ފަރަގަކުންނެވެ.
މިއަދުގެ މެޗަކީ 2018 ވަނަ އަހަރަށްފަހު ނިއު ރޭޑިއަންޓާއި ވިކްޓްރީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ މެޗެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބުތަކުގެ ތެރޭގައި ނިއުއާއި ވިކްޓްރީ ހިމެނޭއިރު، މިއަދު މެޗު އިޝްތިހާރު ކުރުމަށް "ރަސްވާދަ" ގެ ހާއްސަ އިވެންޓްތަކެއް ބާއްވާފައިވެއެވެ.
ދެޓީމުންވެސް 1980 ގެ ޖާޒީ ފަރުމާއެއްގައި މެޗަށް ނުކުމެފައިވާ އިރު، ފުރަތަމަ 12 މިނެޓް ތެރޭގައި ނިއުއިން ދެ ގޯލް ޖެހިއެވެ. އެ ދެގޯލްވެސް ޖެހީ މި ސީޒަނުގައި ތަފާތު ފޯމެއް ދަމަހައްޓަމުން އަންނަ ސެންޓޭއެވެ.
ސެންޓޭގެ ފުރަތަމަ ގޯލް ކައުންޓާ ހަމަލާއެއްގައި ޖެހި އިރު، އަނެއް ގޯލް ޖެހީ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ބޯޅަ ސީދާ ކަނައަށް އަމާޒުކޮށްލައިގެންނެވެ. އެ ދެ ގޯލްގައިވެސް ވިކްޓްރީގެ ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފަށް ކުރެވުނު މާބޮޑު މަސައްކަތެއް ނެތެވެ.
ވިކްޓްރީ ޓީމުން ގިނަ ގޯސްތަކެއް ފެނިގެން ދިޔަ މެޗުގައި އެޓީމުގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)އަށް ފަޅި ފުރުސަތެއް ލިބި ބޭކާރުވި އިރު، ފޯވަޑް ވްލަޑިމިއާ އެވަޓަންއަށް ލިބުނު ފުރުސަތުގެވެސް ބޭނުމެއް ނުކުރެވުނެވެ.
ދެވަނަ ހާފު ފެށިގެން 60 ވަނަ މިނެޓުގައި ސެންޓޭ ގޯލް ހެޓްރިކް ފުރިހަމަ ކުރިއެވެ. އޭގެފަހުން ބަދަލަކަށް ނުކުތް އަހުމަދު ހުސާމް (ހުސާންކޮ) ނިއުގެ ހަތަރުވަނަ ގޯލް ޖަހައިދިން އިރު، މިއަދުގެ މޮޅަކީ އަލީ ސުޒޭނަށް ހާއްސަ މޮޅެކެވެ.
ސުޒޭން މިސީޒަނަށް ނިއުއާ ހަވާލުވެފައިވާ އިރު، ވިކްޓްރީއަކީ އޭނާ ގާތްގަނޑަކަށް 40 އަކަށް އަހަރު ފުޓުބޯޅައިގައި ހިދުމަތްކޮށްދިން، އެންމެ ލޯބިވާ އެއް ކްލަބެވެ. މިއަދު ނިއުގެ ބެންޗުގައި ހުރެ ބޮޑު މޮޅެއް ހޯދުން އޭނާއަށް ހާއްސައެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު