ޕެންޝަން ފައިސާ ލިބޭ އުމުރު ހަމަނުވި ނަމަވެސް، ދާއިމީ ބައްޔަކަށް ފަރުވާ ކުރަންޖެހޭ މީހެއް ނަމަ، ޕެންޝަން ފައިސާ ދޫކުރެވޭ ގޮތް ހަދަން ގާނޫނަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފިއެވެ.
ޕެންޝަން ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެެވެ.
ގާނޫނު މިހާރު އޮންނަގޮތުން ރިޓަޔާމަންޓް ސޭވިން އެކައުންޓުގައި ޖަމާކުރާ ފައިސާ ހަރަދުކުރުމަށް ދޫކުރެވެނީ ޕެންޝަން ލިބޭ އުމުރު ހަމަވުމުންނެވެ.
ނަމަވެސް ކުޑޫ ހުށަހެޅި އިސްލާހުގައި ވަނީ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޕެންޝަން ލިބޭ އުމުރު ހަމަނުވިޔަސް، ދާއިމީ ބައްޔެއް ތަހައްމަލުކުރަން ޖެހިފައިވާ ނަމަ، އެ މީހުންގެ ބޭސްފަރުވާއަށް އެ ފައިސާ ދޫކުރެވޭ ގޮތް ހެދުމަށެވެ.
ނަަމަވެސް ބިލުގައިވާ ގޮތުން ދާއިމީ ބައްޔަށް ބޭސްކުރަން އެ ފައިސާ ދޫކުރެވޭނީ އެ މީހަކީ އެފަދަ ބައްޔެއް ތަހައްމަލުކުރާ މީހެއްކަން އަންގައިދޭ ލިއުމެއް މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ އިދާރާއަކުން ނުވަތަ ސްޕެޝަލިސްޓް ޑޮކްޓަރެއް ދޫކޮށްފައިވާ ނަމައެވެ. އަދި މި ލިޔުމުގެ ސައްހަކަން މި ގާނޫނުގެ ދަށުން އެކުލަވާލާ މެޑިކަލް ސްޕެޝަލިސްޓުންގެ ޕެނަލަކުން ކަށަވަރުކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެކަމަށް ހުށަހަޅާއިރު ރިޓަޔާމަންޓް ސޭވިން އެކައުންޓުގައި ފައިސާ ހުރި މީހަަކަށް ވާންޖެހޭނެ ކަމަށާއި، އެފަދަ މީހަކަށް ބޭސްފަރުވާކުރުމަށް އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ދޫކުރެވިދާނެ ކަމަށްވެސް މި ބިލުގައިވެއެވެ.
ބިލުގައިވާގޮތުން މި އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަސް ތެރޭގައި މެޑިކަލް ސްޕެޝަލިސްޓުންގެ ޕެނަލެއް ޕެންޝަން އޮފީހުން އެކުލަވާލަންޖެހޭނެއެވެ.
މި ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ މިއަދު ނެގި ވޯޓުގައި، ބިލު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދީގެންނެވެ. ބިލު ބަލައިގަންނަން ވޯޓުދެއްވީ އެންމެ ފަސް މެންބަރުންނެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް